0 comments 27 views
އޯއައިސީ ސަމިޓުގެ ތެރެއިން ވަޒީރު އިރުތިޝާމް، ރާއްޖެއާއި މިސްރުގެ ގުޅުން އިތުރަށް ފުޅާކުރަން މަޝްވަރާ ކުރައްވައިފި
17 އޮކްޓޯބަރ 2026 (ހޮނިހިރު)   18:15
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ 52 ވަނަ ސެޝަންގެ ހަވާސާގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް މިސްރުގެ ޚާރިޖީ ވަޒީރު ބަދުރް ޢަބްދުލްލާތީއާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ރާއްޖެއާއި މިސްރާ ދެމެދު އޮތް ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ދެ ޤައުމަށް ވެސް ލާބައާއި މަންފާ ލިބެނިވި ގޮތުގައި ބައިނަލްއަޤުވާމީ މަސައްކަތްތަކުގައި ގުޅިގެން ކުރިއަށްދާނެ ކަމަށް ވަޒީރު އިރުތިޝާމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު އިރުތިޝާމް އިރާޤުގެ ވެރިރަށް ބަޣުދާދަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ބަޣުދާދުގައި ބާއްވާ މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ވަޒީރު އިރުތިޝާމަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިރާޤުގެ ޕޮލިޓިކަލް ޕްލޭނިންއާ ބެހޭ އަންޑަ ސެކްރެޓަރީ، ސަފީރު އަޙްމަދު ނާއިފެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ވަފުދުތަކުގެ ވެރިން އަދި މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މުހިންމު ބައްދަލުވުމެކެވެ.

މި ސަމިޓުގެ ތެރެއިން އިސްލާމީ އުންމަތާ ގުޅުންހުރި މުހިންމު މައްސަލަތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް