
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ކުރިއަށްގެންދަވާ "އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ރަސްމީ ލޯގޯ ހޮވުމަށްޓަކައި ޢާންމުންގެ ވޯޓަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ މާތް ސިފަ އަށަގެންނެވުމަށާއި، އަޚްލާޤީ މިންގަނޑުތައް އިތުރަށް ހަރުދަނާކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ރައީސް ޑރ. މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ސަރުކާރުގެ މުހިންމު ބިޔަ މަޝްރޫޢެކެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޤައުމީ މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 22 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ހުށަހެޅުނު ފަރުމާތައް ފަނޑިޔާރުންގެ ޕެނަލަކުން ފުރިހަމައަށް ވަޒަންކުރުމަށްފަހު، އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ 10 ލޯގޯ މިހާރު ވަނީ ޝޯޓްލިސްޓް ކުރެވިފައެވެ.
ޝޯޓްލިސްޓް ކުރެވިފައިވާ ލޯގޯތަކުގެ ތެރެއިން އެންމެ ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ފުރުޞަތު 'ޕީއެސްއެމް އެއަރ' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުޅުވާލާފައިވާއިރު، މި ވޯޓުލުން ކުރިއަށްދާނީ މި ހިނގާ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމައަށެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 60،000 ރުފިޔާގެ ފައިސާގެ ފުރިހަމަ އިނާމެކެވެ.





