0 comments 24 views
ޒަމާނީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މީދޫގައި ކާމިޔާބު ފޯރަމެއް ބާއްވައިފި
18 އޮކްޓޯބަރ 2026 (އާދީއްތަ)   02:29
ޤައުމީ ދަނޑުވެރިންގެ ދުވަހާއި ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ ޒަމާނީ ހައްލުތައް ހޯދުމަށް ސަރުކާރުން އިސްނަގައިގެން އައްޑޫ މީދޫގައި ޚާއްޞަ ފޯރަމެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މީދޫގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި "ދަނޑުވެރިކަމުގެ ކުރިމަގު ފޯރަމް 2026" ރަސްމީކޮށް ހުޅުއްވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ބައްދަލުވުމުގައި އެ ރަށުގެ ދަނޑުވެރިންނާއި، ސ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

ފޯރަމް ހުޅުއްވައިދެއްވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މީދޫއަކީ ދަނޑުވެރިކަމުގައި ދިގު މާޒީއެއް އޮތް ރަށެއް ކަމަށާއި، މިއަދު ފެންނަ ޒަމާނީ ފެންވަރަށް ވާސިލުވުމަށް އެ ރަށުގެ ދަނޑުވެރިން އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އައްޑުއަށް ކުރެއްވި މި ދަތުރުފުޅަކީ މިހާތަނަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން އެންމެ އުފެއްދުންތެރި އެއް ދަތުރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުގެ މުސްތަޤުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފޮތްތަކުން ލިބޭ ޢިލްމުގެ އިތުރުން މި ދާއިރާއިން އަމަލީ ތަޖުރިބާ ހޯދުން މުހިންމު ކަމަށެވެ. ވަޒީރު ވިދާޅުވީ "މުސްތަޤްބަލުގައި ދަނޑުވެރިކަން ކުރިއަށް ގެންދަން އެބަޖެހޭ. އެގޮތައް އެކަން ކުރިއަށް ގެންދިޔުމަށް ތިބިބަޔަކީ ތިޔަ ދަރިވަރުން. އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި ދަނޑުވެރިކަން ކުރާގޮތް ވަރަށް ތަފާތު. ހަމަ އެގޮތައް މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ" ކަމަށެވެ.

މި ފޯރަމްގެ ތެރޭގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި، ދަނޑުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ބިންގަނޑު ރައްކާތެރިކުރުމާއި، މޫސުމީ ބަދަލުތަކާ އެކު ދަނޑުވެރިކަން ކުރިއެރުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކާ މެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޒުވާނުން މި ދާއިރާއަށް ނެރުމަށް މީދޫ ކައުންސިލުން ދިން ސަމާލުކަން ފާހަގަކުރެވުނެވެ.

މި ފޯރަމްގައި ސ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ ދަނޑުވެރިކަމާ ގުޅޭ އީޖާދީ އުފެއްދުންތަކާއި މޮޑެލްތައް ދައްކާލައި، އެ ކުދިންގެ ވިސްނުން ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ހުށަހަޅައިދީފައެވެ. ފޯރަމްގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޙަސަން ދީދީ ވިދާޅުވީ، މީދޫގެ ސްކޫލު ދަރިވަރުންގެ ކިބައިގައި ދަނޑުވެރިކަމުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން، ކެނަރީފް ރިސޯޓްގައި ކުރިއަށްދިޔަ "އެންހޭންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން ބޭއްވި "ވިލުންވެށި ސްކޫލް ގާރޑަން ޕްރޮގްރާމް"ގެ އޮރިއެންޓޭޝަން ވޯކްޝޮޕް ހުޅުވުމުގައިވެސް ވަޒީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތަކީ ސްކޫލް މާހައުލުގައި ދަނޑުވެރިކަން އަށަގަންނުވައި، ދަރިވަރުންގެ މެދުގައި މޫސުމީ ވިލުންތެރިކަމާއި ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް