0 comments 57 views
އަނިޔާވި ފުލުސް އޮފިސަރަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން މިނިސްޓަރު އިޙްސާން ކަށަވަރުކޮށްދެއްވައިފި
18 އޮކްޓޯބަރ 2026 (އާދީއްތަ)   05:25
ސިނަމާލެ ބްރިޖު ހައިވޭގައި ގައުމީ ވާޖިބު އަދާކުރަމުން ދަނިކޮށް ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ހޮސްޕިޓަލަށް ވަޑައިގެން ބައްލަވައިލައްވައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ސީރިއަސް އަނިޔާތަކެއް ލިބުނު އޮފިސަރުގެ ހާލު ބެއްލެވުމަށް މިނިސްޓަރު އިޙްސާން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެ އޮފިސަރަށް ހިތްވަރު ދެއްވާފައެވެ. މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރު އިޙްސާން ވަނީ ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވައި އެކަން ބަލައިގަންނަވާފައެވެ.

އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ވަމުންދާ މަތިވެރި ގުރުބާނީ ވެސް މިނިސްޓަރު ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، އެ ފުލުސް އޮފިސަރަށާއި އޭނާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ސަރުކާރާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މިނިސްޓަރު އިޙްސާން ދެއްވި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:30 ހާއިރު މާލޭން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ހައިވޭގައި ޕެޓްރޯލްކުރަން ހުރި ފުލުސް މީހާގެ ގައިގައި ޖެހިގެންނެވެ.

ފުލުސް ކޮމިޝަނަރު އަޙްމަދު މުޙައްމަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަނަށް ހުރަސްއެޅުމުގެ ގޮތުން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، އެ ސައިކަލުގައި ތިބި މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް