
ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމްއޯޔޫތަކާއި އެއްބަސްވުންތައް ހިމެނޭހެން 12 ދާއިރާއަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް ވަނީ ނިންމާފަ އެވެ.
މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ ވެރިއަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެހެންކަމުން ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަށް އެ ގައުމުން ވަރަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ ތައްޔާރުވަމުންނެވެ.
މި ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިޝްހާގް ދާރު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވަވައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާނެ ކަންކަން ރިވިއު ކުރައްވާފަ އެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހުން ހާމަކުރި ގޮތުގައި، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، މޫސުމަށް އަންނަ ބަދަލުތައް، ފަތުރުވެރިކަން އަދި ސިވިލް އޭވިއޭޝަންގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުންނެވެ.
މަތީ ފެންވަރުގެ ވަފުދަކާއެކު ރައީސް ޑރ. މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވައި ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެ އެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި އިގުތިސާދީ، ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން ދިފާއީ އަދި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުން ވެސް ހިމެނެ އެވެ.
މީގެއިތުރުން ދެކުނު އޭޝިއާގެ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ސާކް އަލުން ހަރަކާތްތެރިކޮށް ދިރުވުމާ ގުޅޭގޮތުން ވެސް މި ދަތުރުފުޅުގައި ދެ ގައުމުގެ ވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.





