
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ހާމަކުރި ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ހުޅުވާލި މި ފުރުސަތުތަކުގެ ތެރޭގައި ޑިޕްލޮމާ، ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީގެ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހިމެނެއެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު 'ކުރި ޕޯޓަލް' މެދުވެރިކޮށް މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
މި ދައުރުގެ ތެރޭގައި 1،500 އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމުގެ ގޮތުން މި އަހަރުގެ ކުރީކޮޅު ވެސް ވަނީ 250 ތެރަޕިސްޓުން ތަމްރީނުކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައެވެ.
މި ފަހަރު އިއުލާނުކުރި 955 ފުރުސަތުގެ ތެރޭގައި ތެރަޕިސްޓުންގެ އިތުރުން ސިއްހީ ދާއިރާގެ އެލައިޑް ހެލްތުގެ އެހެނިހެން ދާއިރާތައް ވެސް ހިމެނެއެވެ. އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ ގޮތުގައި ބެލެވެނީ ނަރުހުންނާއި ޑޮކްޓަރުން ފިޔަވައި ސިއްހީ ދާއިރާގައި ހިމެނޭ ފަންނީ އަދި ޓެކްނިކަލް މުހިންމު މަގާމުތަކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބަޔާންކުރި ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ބޭނުންވާ ފަންނީ ގާބިލު މީހުން އުފައްދައި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ކަށަވަރުކޮށްދިނުމެވެ.
މީގެ އިތުރުން ސިއްހީ ދާއިރާގެ ވަޒީފާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމާއި، ބޭރުގެ މާހިރުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ގިނަ އަދަދެއްގެ ދިވެހިންނަށް ރަނގަޅު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް މި ސްކޮލަޝިޕްތަކުގެ މުހިންމު ބޭނުމެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.





