
"ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގ އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ" ގެ ނަމުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތައް ބައިވެރިވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ އަލީ ވަނީ، ކުރިމަތިވެދާނެ ސިއްޙީ ބަލިމަޑުކަމަކުން ރައްކާތެރިވުމަށްޓަކައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް ދުރާލައި އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި، ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ "ޕެންޑެމިކް ފަންޑް" ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި ވަޒީރު ޤީލާ ވަނީ ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި ސިއްހީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓަރކުރުމަށް ބާރުއަޅުއްވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ދުނިޔޭގެ ޞިއްޙީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބުނު ފިލާވަޅުތަކުގެ އެހީގައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރުމެވެ.
މީގެއިތުރުން "ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް" ފްރޭމްވޯކާއި، "ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމަރޖިންގ ތުރެޓްސް" އަދި ޑަބްލިއުއެޗްއޯ ޖީއައިއެސްއާރްއެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުން ވެސް މި ބައްދަލުވުމުގައި ކުރިއަށްދާނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މިފަދަ ސަރަހައްދީ މުހިންމު ރިވިއު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމާއި، މި ބައްދަލުވުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.





