0 comments 21 views
ގެދޮރު ލޯނަށް ބޭނުންވާ އިކުއިޓީ ރައްޔިތުންނަށް ހިލޭ ހަމަޖައްސައިދޭން މާލީ 4 އިދާރާއަކާއެކު ސަރުކާރުން ސޮއިކޮށްފި
18 އޮކްޓޯބަރ 2026 (އާދީއްތަ)   19:33
އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ގެދޮރު ލޯނަށް ބޭނުންވާ އިކުއިޓީ ސަރުކާރުން ހިލޭ ހަމަޖައްސައިދޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒު ކުރުމަށް މާލީ ހަތަރު އިދާރާއަކާ އެކު ހައުސިން މިނިސްޓްރީން މިއަދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

ސަރުކާރުގެ "ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި މާލީ އިދާރާތަކުގެ ފަރާތުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުޙައްމަދު ޝަރީފާއި، އެމްއައިބީގެ އެމްޑީ މުފައްދަލް އިދްރީސް ޚުމްރީއާއި، އެޗްޑީއެފްސީގެ އެމްޑީ އަޙްމަދު ޒީނާދު އަދި އެމްއެފްއެލްސީގެ ސީއީއޯ އިބްތިޝާމާ އަޙްމަދު ސަޢީދު ސޮއިކުރެއްވިއެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ އެހީގައި ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ އާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ދެއްކުން ކަމަށްވާތީ، ސަރުކާރުން އިތުރުކުރި ދެ ބައިގެ އަމާޒަކީ އެ ހުރަސް ނައްތާލައި ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދިނުމެވެ. މި އެހީއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އިމާރާތް ވިއްކާލައިފިނަމަ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމުގެ "ހެލްޕް ޓު ބިލްޑް" ގެ ދަށުން، މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ބިން އޮވެ ގެދޮރު ނޭޅިފައިވާ ފަރާތްތަކަށް އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 200،000 ރުފިޔާއާ ހަމައަށް އެހީ ދޭނެއެވެ. އަދި މާލޭގެ އާއިލީ ބިންތަކުގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން ގުޅިގެން އިމާރާތްކުރާނަމަ، ބޮލަކަށް 200،000 ރުފިޔާގެ މަގުން އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީ ހަމަޖައްސައިދެވޭނެއެވެ.

"ހެލްޕް ޓު ބައި" ގެ ދަށުން ޕީޕީޕީ އުސޫލުން ޑިވެލޮޕަރުން އަޅާ 1.5 މިލިއަން ރުފިޔާގެ އެފޯޑަބަލް ހައުސިން ޔުނިޓެއް ގަތުމަށާއި، ރިއަލް އެސްޓޭޓް މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް 250،000 ރުފިޔާއާ ހަމައަށް ސަރުކާރުން އެހީ ދޭނެއެވެ. މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށް ކަމަށާއި، ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިވާނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރިއެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ ސަރުކާރުން އަޅާ ފްލެޓްތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކުން އަޅާ އަގުހެޔޮ ގެތައް ލިބޭނެ މަގުފަހިކުރުމަށާއި އަމިއްލަ ބިމުގައި އިމާރާތްކުރުމަށާއި ގަތުމަށް ފައިސާގެ އެހީތެރިކަން ދިނުން ހިމެނޭ ވަށާޖެހޭ ސިޔާސަތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ އެއް ބޭނުމަކީ ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އެންމެ ނިކަމެތި މީހުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް