
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ތާރީޚުގައި ވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫޢު ހިންގަމުންދަނީ މި އަހަރު ކަމަށާއި، މިހާރުވެސް 800 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާ ކަމަށް އެ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިހާރު ނިމެމުން އަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ފެށި މަޝްރޫޢުތަކުގެ ތެރެއިން 130 އެއްހާ މަޝްރޫޢު މިހާރު އެއްކޮށް ނިންމައި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ތަންތަން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ. މިއީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ކުޅިވަރު ވުޒާރާގެ ބެލުމުގެ ދަށުން ހޯދިފައިވާ ބޮޑު ކުރިއެރުމެކެވެ.
ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފުސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މީގެ ތެރޭގައި ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތައް ތަރައްޤީކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް އެޅުމުގެ އިތުރުން ހޭންޑްބޯޅަ ކޯޓުތައް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މުޅި ޖުމްލަ މަޝްރޫޢުތަކުގެ ތެރެއިން އަމަލީ މަސައްކަތް ނުފެށި އޮތީ ގާތްގަނޑަކަށް 31 އިންސައްތަ މަސައްކަތުގައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޅިވަރު ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢުތައް ކިތަންމެ ގިނަ ނަމަވެސް، މި ރިޔާސީ ދައުރުގެ ތެރޭގައި މިހާރު ފެށިގެން ކުރިއަށްދާ ހުރިހާ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އުއްމީދު އެބައޮތް ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން ރޭސިންގ ޓްރެކާއި ޝޫޓިންގ އެރީނާގެ އިތުރުން އޮލިމްޕިކް ފެންވަރުގެ ސްވިމިންގ ޕޫލާއި އެހެނިހެން ކުޅިވަރު ފެސިލިޓީތައް ޤާއިމުކުރުމަށް އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ފޯރަމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވެސް ވަނީ މުޅި ރާއްޖޭގައި މިވަގުތު އެކި ދާއިރާތަކުން 1،273 މަޝްރޫޢު ކުރިއަށްދާ ކަމަށާއި އެ ހުރިހާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ބޭރުގެ ހަނގުރާމަތަކާ ގުޅިގެން މުދާ ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް އެއްވެސް މަޝްރޫޢެއް ހުއްޓާނުލައި ބާރަށް ކުރިއަށްގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





