0 comments 30 views
ރަސްމާލެ މަޝްރޫޢުން ދައުލަތަށް 3.1 ބިލިއަން ޑޮލަރާއި 54،000 ވަޒީފާ ސަރުކާރުން ކަށަވަރުކޮށްދީފި
19 އޮކްޓޯބަރ 2026 (ހޯމަ)   04:15
ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން އެކަނިވެސް ދައުލަތުގެ ބައިތުލްމާލަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށާއި އެއްވެސް ބިމެއް ބޭރުގެ ފަރާތަކަށް މިލްކު ނުކުރެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ރަސްމާލެ މަޝްރޫޢުގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލުތަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. މިގޮތުން މައިގަނޑު 20 ސުވާލަކަށް ވަޒީރު ވަނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތައް ވަރަށް ތަފްސީލުކޮށް ސާފުކޮށްދެއްވާފައެވެ.

މި މަޝްރޫއުގެ ދަށުން ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ތަނެއް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ. އަދި ހުރިހާ ތަނެއްވެސް ކުއްޔަށް ދޫކުރާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ.

މަޝްރޫއު ކުރިއަށްގެންދާ އީގަލް ހިލްސް ކުންފުނިން ބިމުގެ ޕްރިމިއަމްގެ ގޮތުގައި ޖުމްލަ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ދައްކަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ 10 އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ކަމަށާއި، ބާޒާރުގައި ޕްރޮޕަޓީގެ އަގު އުފުލުމުން އެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށްވެސް އަންދާޒާކުރެވޭ ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ފަހިވެގެންދާނެ ވަޒީފާގެ ބޮޑެތި ފުރުސަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މަޝްރޫއުގެ ތެރެއިން 54,000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އަދި މަސައްކަތްތައް ނިމުމުން ދާއިމީ 15,000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ހާމަކުރެއްވިއެވެ.

އެ ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މަޝްރޫއަށް ދައުލަތުން އެއްވެސް މާލީ ޒިންމާއެއް އުފުލަން ނުޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ބޭރު ގައުމުތަކާ އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށްވެސް ވަޒީރުގެ ޖަވާބުގައި ބަޔާންކުރައްވާފައިވެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް