
މިއީ 100 އަށް ވުރެ ގިނަ ވީޑިއޯ ލަވަޔާއި 10 ވަރަކަށް ފިލްމުގައި މަސައްކަތް ކުރި ކުރީގެ ސިނަމެޓޯގްރާފަރު ހުސައިން މައުޒޫމެވެ.
ދެހާސް ވަނަ އަހަރު ފެށި އާ ގަރުނާއި އާ އާސްކަފަށް މުޅި ރާއްޖެ ހޭލައްވާލި "ނަސީބު އާ ވެލީ" ގެ ލަވަ ވީޑިއޯކޮށް ސިނަމެޓޯގްރަފީގެ މަސައްކަތް ކުރީ ހުސައިންނެވެ. ކުރު ފިލްމާއި އޮފީސްތަކުގެ ޓެލެޑްރާމާތައް އަދި ސިލްސިލާ ޑްރާމާތައް ވެސް ކެމެރާކޮށްދީ ޑަބިން މަސައްކަތް އޭނާގެ އަމިއްލަ ސްޓޫޑިއޯ "މައުޒޫމުގައި" ކުރީ ކޮލިޓީ ދަމަހައްޓަމުން، ބޭނުންވާ ސުންގަނޑިއަށް މަސައްކަތް ނިންމައި ވެސް ދެމުންނެވެ.
ޕްރޮޑެކްޝަން އާއި ވީޑިއޯގްރަފީގެ ޒަރިއްޔާއިން އަހަރެމެންނަށް ދުނިޔެ ސިފަކޮށް ދިން އުމުރުން 53 އަހަރުގެ ހުސައިން، އެ މަސައްކަތްތަކުގައި 26 އަހަރު ހޭދަ ކުރުމަށް ފަހު ހުއްޓާލަން ޖެހުނީ ނުކުޅެދޭ ހާލަތަކަށް އޭނާ ވެއްޓުމުންނެވެ.
މުހައްމަދު މުސްތޮފާ ހުސައިން (ބޮޑުފެންވަޅުގޭ މުސްތޮފާ) 1993 ގައި ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރި ދިވެހި ފިލްމު "އިމްތިހާން"ގެ ސިނަމެޓޯގްރާފަރު ހުސައިންގެ ލޮލުގެ ފެނުން އެއްކޮށް ގެއްލި އިމްތިހާނަކާ ކުރިމަތިލާން ޖެހުނީ އެވެ.
އޭނާގެ ލޮލުގެ ފެނުމުގެ މައްސަލަ ދިމާވީ ކުއްލިއަކަށެވެ. އޭގެ ކުރިން ދުވަހަކު ވެސް އައިނު އަޅަން ޖެހިފައި ވެސް ނެތް ކަމަށް ހުސައިން ބުންޏެވެ. އޭނާ ބުނި ގޮތުގައި ލޮލަށް ފެނުން ދަތިވެގެން، އޭގެ ކުރިން ދުވަހަކު ވެސް އޭނާ ނޫޅެ އެވެ.





