0 comments 33 views
ސަރުކާރުން 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައި، ދަތުރުފަތުރުގެ މަޝްރޫޢުތަކަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފި
19 އޮކްޓޯބަރ 2026 (ހޯމަ)   07:24
ދިވެހި ދައުލަތުން އެކި ދުވަސްވަރު މަތިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި މުއްދަތު ހަމަވި ދަރަނިތައް ދައްކައި ނިންމުމަށް ސަރުކާރުން މިހާތަނަށް ޖުމްލަ 1.4 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ތެރޭގައި ދައްކައި ޚަލާޞްކުރި ބޮޑެތި މާލީ ފެސިލިޓީތަކުގެ ތެރޭގައި 2021 ވަނަ އަހަރު ބައިނަލްއަޤްވާމީ ބާޒާރަށް ދޫކުރި 500 މިލިޔަން ޑޮލަރުގެ ސުކޫކުގެ އިތުރުން، 2024 ވަނަ އަހަރު ސޮއިކުރި 400 މިލިޔަން ޑޮލަރުގެ އިންޑިއާ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ. މި ފެސިލިޓީތައް ހިމެނޭހެން ބޮޑެތި ދަރަނިތައް ދެއްކުމަށްޓަކައި ސަރުކާރުން ވަނީ ދުރާލައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

ދުނިޔޭގެ މާލީ ބާޒާރާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ބަދަލުތަކާ ގުޅިގެން، ބޭރު ފައިސާއިން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) އަށް ޖަމާކޮށް ދަރަނި ދެއްކުމަށް ޚާއްޞަކުރިއެވެ. ދަރަނި އަދާކުރުމަށް ސަރުކާރުން އެޅި މި ފިޔަވަޅުތަކާއެކު، މިއަހަރުގެ އެޕްރީލް މަހާ ހަމައަށް އެސްޑީއެފަށް އަދި މާރިޗު މަހާ ހަމައަށް ދައުލަތުގެ ރަސްމީ ރިޒާވަށް ރެކޯޑު މިންވަރަކަށް ވަނީ ފައިސާ އިތުރުވެފައެވެ.

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރަސްމީ ރިޒާވްއާ މުޅިން ވަކިން، ބޮޑެތި ލޯނުތައް ދެއްކުމަށާއި ކުއްލި އިޤްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން ބޭނުންކުރަމުން އަންނަ ފަންޑެކެވެ. މި ފަންޑު ވަރުގަދަކޮށްގެން ދަރަނި އަދާކުރުމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ކާމިޔާބުކަމާއެކު އެޅި މުހިންމު ފިޔަވަޅެކެވެ.

ދަރަނިތައް ދެއްކުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ވެސް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ދަތުރުފަތުރާ ގުޅޭ މަޝްރޫޢުތަކަށް އެކަނިވެސް މިހާތަނަށް 1.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދަތުރުފަތުރާ ގުޅޭ މަޝްރޫޢުތަކަށް ބަޖެޓުގައި ކަނޑައެޅި 2.3 ބިލިއަން ރުފިޔާގެ 83 ޕަސެންޓް މިހާރު ވަނީ ޚަރަދުކޮށްފައެވެ. މި ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވަނީ ބްރިޖް މަޝްރޫޢަށް ކަމަށްވާއިރު، އެ މަޝްރޫޢަށް 798 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މަގު ހެދުމަށް 556 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއަހަރުގެ ތެރޭގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވެސް މި ބަޖެޓުގެ ދަށުންނެވެ. އަދި އެއާޕޯޓް ތަރައްޤީކުރުމަށް 540 މިލިއަން ރުފިޔާ އަދި ބަނދަރު ހެދުމަށް 393 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެއީ މިދިޔަ އަހަރަށްވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހޭދަކުރި 4.8 ބިލިއަން ރުފިޔާގެ ތެރެއިން 40 ޕަސެންޓް ހޭދަކޮށްފައިވަނީ ދަތުރުފަތުރާ ގުޅޭ ތަރައްޤީގެ މަސައްކަތްތަކަށެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް