
މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ އަލްޓަސް އޮއިލް އެންޑް ގޭސް އެސްޑީއެން ބީއެޗްޑީ ކުންފުންޏާއެވެ. މި އެއްބަސްވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބެވެ.
ކޮންޓްރެކްޓަރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ވިޖޭ ކޭ ޕިލާއީ އަދި ޑިރެކްޓަރު މުޙައްމަދު ތައުފީޤު ބިނޮތްމާންއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިޒައިން، ބިލްޑް އަދި ސަޕްލައި އުސޫލުންނެވެ.
ސަރުކާރުން މި މަޝްރޫޢުގެ ދަށުން އައިސްޕްލާންޓް ބިނާކުރުމަށް ހަމަޖައްސާފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހުޅުދެލި، ށ. ކޮމަންޑޫ، ކ. ގާފަރު، އއ. ރަސްދޫ، މ. މުލައް، ގއ. މާމެންދޫ، ގއ. ނިލަންދޫ، ގއ. ވިލިނގިލި އަދި ގދ. ރަތަފަންދޫއެވެ.
މި ރަށްރަށުގައި ޤާއިމުކުރާ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ ޓިއުބް އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ، އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ހިމެނޭ ވަސީލަތްތަކެކެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމު މި ޕްލާންޓުތަކުގައި އެކުލެވިގެންވާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ރާއްޖޭގައި މިވަގުތު 1،700 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ ހުރިނަމަވެސް މަސްވެރިކަން ރަނގަޅު މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި އަލަށް ފަށާ މަޝްރޫޢުގެ ސަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ މުޅި މި މަޝްރޫޢު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢު ނިމުމުން އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދަތުރުތަކާއި ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މިއީ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ފިޔަވަޅެކެވެ.





