0 comments 102 views
ފަތުރުވެރިކަމުގެ އިންވެސްޓްމަންޓް އިތުރުކުރަން ސަރުކާރުން 6 އަތޮޅެއްގެ އެކުއިޒިޝަން އަގު ބޮޑުތަނުން ކުޑަކޮށްދީފި
19 އޮކްޓޯބަރ 2026 (ހޯމަ)   12:37
ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ރަށްތައް ކުއްޔަށް ދޫކުރާއިރު ދައުލަތަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓް، ރާއްޖޭގެ ހަ އަތޮޅަކުން ކުޑަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ކްރޮސް ސަބްސިޑީ އުސޫލުން ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅުގައެވެ. މިއީ އެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގެނައި ބަދަލެކެވެ.

ގެނައި އިސްލާހުތަކުގެ ތެރޭގައި ހއ، ހދ، ށ އަދި ތ. އަތޮޅުގެ ރަށްތަކުގެ ބޭސް ރޭޓު ވަނީ 500،000 ޑޮލަރުން 400،000 ޑޮލަރަށް ދަށްކޮށްފައެވެ. މީގެ އިތުރުން އެ އަތޮޅުތަކުގެ ބިމުން ހެކްޓަރަކަށް ނަގާ އަގު 50،000 ޑޮލަރުން 35،000 ޑޮލަރަށް ވަނީ ކުޑަކޮށްދީފައެވެ.

ލ. އަތޮޅަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު، އެ އަތޮޅުގެ ބޭސް ރޭޓު 800،000 ޑޮލަރުން 700،000 ޑޮލަރަށް ވަނީ ދަށްކޮށްފައެވެ. އަދި އެ އަތޮޅުން ކުއްޔަށް ދޫކުރާ ބިމުގެ ހެކްޓަރަކަށް ޖެހޭ މިންވަރު 75،000 ޑޮލަރުން 60،000 ޑޮލަރަށް ކުޑަކުރުމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އައްޑޫ އަތޮޅުގެ ބޭސް ރޭޓު ވެސް ސަރުކާރުން ވަނީ 500،000 ޑޮލަރުން 400،000 ޑޮލަރަށް ކުޑަކޮށްދީފައެވެ. އަދި އައްޑޫ އަތޮޅުގެ ރަށްތަކުން ހެކްޓަރަކަށް ޖެހޭ އަގު 50،000 ޑޮލަރުން 35،000 ޑޮލަރަށް ކުޑަކޮށް، އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްދީފައެވެ.

މި ހަ އަތޮޅުގައި ވެސް 40 ހެކްޓަރަށް ވުރެ ބޮޑެތި ބިންތަކުން ނަގާ ލޮކޭޝަން ނުވަތަ ސައިޒް ޕްރިމިއަމް އަގު ވަނީ އެއް މިލިއަން ޑޮލަރުން 500،000 ޑޮލަރަށް ކުޑަކޮށްފައެވެ. މި ބަދަލާއެކު ބޮޑެތި މަޝްރޫއުތައް ހިންގުމަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުން ހަމަޖައްސާފައިވާ ގޮތުގައި މި ލުއިތައް ދެ އަހަރުދުވަހުގެ މުއްދަތަށް ދެމިއޮންނާނެއެވެ. އެގޮތުން 29 ޖޫން 2025 އިން ފެށިގެން ދެވޭ މި ލުއިތަކުގެ މުއްދަތު ހަމަވާނީ 25 ޖޫން 2027 އަށެވެ.

މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ފަޅުތަކުގެ ލީސް އެކުއިޒިޝަން ކޮސްޓަށް މިފަހަރު ބަދަލެއް ގެނެސްފައެއް ނުވެއެވެ. މީގެ ކުރިން ވެސް މިދިޔަ އަހަރުގެ ޖޫން މަހު އެ ހަ އަތޮޅުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ އަގުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް