
މިކަމާ ގުޅޭގޮތުން "ސަންގު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، އީގަލް ހިލްސްއާ އެކު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވެސް މީގެ ކުރިން މައުލޫމާތު ހާމަކުރައްވާފައިވާނެ ކަމަށެވެ.
ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ކޮމާޝަލް ޓާމްސް އެގްރީމެންޓާއި، އެމްއޯޔޫ އަދި ލެޓަރ އޮފް އިންޓެންޓް (އެލްއޯއައި) ގެ މަރުހަލާތައް މިހާރު ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
މިހާރު ކުރިއަށްދަނީ މި ބޮޑު މަޝްރޫއުގެ ރަސްމީ މައިގަނޑު އެއްބަސްވުން އެކުލަވާލުމާއި، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތްތައް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް، ނުވަތަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ނުވަތަ އެ ދުވަހާ ހަމައަށް މި އެއްބަސްވުމުގައި ސޮއިކޮށް އެއްކޮށް ނިންމާލުން ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާއިރު، ރަސްމާލޭގެ ބިން ދިނުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލައި މަޝްރޫއު ހުއްޓުވަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ސަރުކާރުން ދަނީ ގާނޫނީ ހަމަތަކުގެ މަތިން މި އެއްބަސްވުން ފުރިހަމަކޮށް، ތަރައްގީގެ މި މުހިންމު މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.





