0 comments 144 views
ސަރުކާރުގެ ހަރުދަނާ ސިޔާސަތާއެކު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް ވުރެ މައްޗަށް އަރައިފި
20 އޮކްޓޯބަރ 2026 (އަންގާރަ)   00:02
ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ އެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,703,169 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,998 ފަތުރުވެރިން އަންނަކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ.

ހިނގަމުންދާ އޮކްޓޫބަރު މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް 100,148 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 99,268 ފަތުރުވެރިންނާ އަޅާބަލާއިރު 0.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހު އެކަނިވެސް 8,621 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ ފެބުރުވަރީ މަހަށް ފަހު އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ރެކޯޑު ދުވަހެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 320,962 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 242,491 ފަތުރުވެރިން، އިނގިރޭސިވިލާތުން 126,789 ފަތުރުވެރިން، ޖަރުމަނުވިލާތުން 110,184 ފަތުރުވެރިން އަދި އިޓަލީވިލާތުން 102,008 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި އަހަރު 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް ސިނާޢަތުގެ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި، އަހަރުގެ ފަހު ކުއާޓަރުގައި އަދަދުތައް ރަނގަޅުވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އިތުރު 7 އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު އަމީން ވަނީ ހާމަކުރައްވާފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް