0 comments 144 views
ބައިނަލްއަގުވާމީ ކާބަން މާކެޓަށް ރާއްޖެ ވެއްދުމަށް ސަރުކާރުން އެކުލަވާލާ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ނިންމައިފި
20 އޮކްޓޯބަރ 2026 (އަންގާރަ)   03:03
ބައިނަލްއަގުވާމީ ކާބަން މާކެޓުގައި ރާއްޖެއަށް ބައިވެރިވެވޭނެ މަގުފަހިކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގަވައިދުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައި، މި އަހަރު ނިމުމުގެ ކުރިން ގެޒެޓުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ކާބަން މާކެޓުގެ އުސޫލުތައް އެކުލަވާލުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ގަވައިދުގެ ފުރަތަމަ ޑްރާފްޓް މިހާރު ނިމި، އެ ޑްރާފްޓް ރިވިއުކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެ ގަވައިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމެވެ. އަދި ރާއްޖެ ކާބަން މާކެޓަށް ވެއްދުމަށްޓަކައި އެ މިނިސްޓްރީން މީގެ ކުރިން ވެސް މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަލަށް އެކުލަވާލާ މި ގަވައިދުގައި، ކާބަން މަޝްރޫއުތަކަށް ހުއްދަ ދިނުމުގެ އުސޫލުތަކާއި، ދެ ފަރާތުން އަދާކުރަންޖެހޭ އިދާރީ ޒިންމާތަކުގެ އިތުރުން ކާބަން ކްރެޑިޓު ބަލަހައްޓާނެ ގޮތުގެ ތަފުސީލުތައް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކާބަން މާކެޓަކީ އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކާއި ގަސް އިންދުން ފަދަ މަސައްކަތްތަކުން ހޯދާ ކާބަން ކްރެޑިޓް ވިޔަފާރިކުރެވޭ ނިޒާމެކެވެ. މީގެ ތެރޭގައި ސަރުކާރުތަކުގެ ގަވައިދުތަކުގެ ދަށުން އުފައްދާ ކޮމްޕްލަޔަންސް މާކެޓުތަކާއި ވޮލަންޓަރީ މާކެޓުތައް ހިމެނެއެވެ.

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްނަންގަވައިގެން ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅުއްވާފައެވެ. އެގޮތުން މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ އެއްޗަކަށް ހެދުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މި ލަނޑުދަނޑި ރައީސް ޑރ. މުޢިއްޒު އިއުލާނުކުރެއްވީ 2023 ޑިސެންބަރު 1 ގައި އޮތް ކޮޕް28 ސަމިޓުގައެވެ. އަދި ފަސް އަހަރުގެ އެ އަމާޒަށް ވާސިލްވުމަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އެކަމުގައި ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާނެކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް