
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫޢުގެ ތެރެއިން، އެ މަގުގެ ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، ތާރު އެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކެމިކަލް ފަށަލަ ކަމަށްވާ "އެމްސީ-30 ޕްރައިމް ކޯޓް" އެޅުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.
މި މަޝްރޫޢުގެ ސެގްމަންޓް 3 ހިމެނެނީ ޢިއްޒުއްދީން މަގު ގުޅޭ ހިސާބުން ފެށިގެން ކޫރުކެނދި ހިނގުމާ ހަމައަށެވެ. މި ސަރަޙައްދުގެ މަސައްކަތްތަކުގެ ތެރޭގައި ކުރިން އަޅާފައިވާ 1،924.77 އަކަމީޓަރުގެ ތާރު ނެގުމާއި، އެސްފާލްޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ އިތުރުން އަލުން ތާރުއަޅައި މަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި ސެގްމަންޓް 3 ގެ ޢަމަލީ މަސައްކަތްތައް ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ތާރުއަޅައި ނިމުމާއެކު، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ސުނާމީ ބިނާ ކައިރިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮތް އަމީނީ މަގުގެ ބައި، އޮކްޓޫބަރު 19 ވަނަ ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށް ފުލުހުން ވަނީ އިޢުލާންކޮށްފައެވެ. އެހެންކަމުން މަގު ބަންދުކުރުމުގެ ކުރިން އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް މިހާރު މުޅިން ނިންމައި އާންމުންނަށް ވަނީ ހުޅުވާލާފައެވެ. ސެގްމަންޓް 3 ގެ މަސައްކަތް ނިމުމުން، ދެން ފެށުމަށް ހަމަޖެހިފައިވަނީ ކޫރުކެނދި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސެގްމަންޓް 4 ގެ މަސައްކަތެވެ.





