0 comments 102 views
ހުޅުމާލޭގެ މަގުތައް އަމާންކުރަން ސަރުކާރުން ސްޕީޑު ބްރޭކަރުތަކާއި މަގުމަތީގެ ނިޝާންތައް ހަރުކުރަން ފަށައިފި
20 އޮކްޓޯބަރ 2026 (އަންގާރަ)   06:20
ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކްސިޑެންޓު ގިނަވާ ސަރަހައްދުތައް ދެނެގަނެ، އެޗްޑީސީ އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހުޅުމާލޭގައި ސްޕީޑު ބްރޭކަރުތަކާއި މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މަގުމަތީގެ އެކްސިޑެންޓުތައް މަދުކޮށް، ދުއްވާ މީހުންނަށް ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަސައްކަތް ފަށާފައިވަނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ބައެއް މަގުތަކުގައި އަލަށް ބަންޕަރު ހެދުމުގެ އިތުރުން ކުރިން ހުރި ބަންޕަރުތައް ބަދަލުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންގެ އިރުޝާދާއި ލަފާގެ މަތިންނެވެ. އެގޮތުން ހުޅުމާލޭގައި އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާ ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ ސަރަހައްދުތައް ބަލައި، އެ ތަންތަނުގައި ސްޕީޑު ބްރޭކަރުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ ތެރެއިން ސްޕީޑު ކޮންޓްރޯލް ކުރުމަށް އަޅާ ބަންޕަރުތަކުގެ އިތުރުން، ދުއްވާ މީހުންނަށް ދުރާލާ އިންޒާރު ލިބޭނެހެން މަގުމަތީގެ މުހިންމު ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

މިފަހަރު އަލަށް ހަދަން ފަށާފައިވާ ސްޕީޑު ބްރޭކަރުތަކަކީ ހުޅުމާލޭގެ މަގުތައް އެންމެ ފުރަތަމަ ހެދިއިރު ބޭނުންކުރި ޑިޒައިންގެ ތާރު ބަންޕަރުތަކެކެވެ. މީގެކުރިން ހަރުކުރި ބަންޕަރުތަކުގެ ޑިޒައިނާއި މެޓީރިއަލްއާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އެ ތަކެތި ނެގި ނަމަވެސް، އެ ބަންޕަރުތަކުގެ ސަބަބުން އެކްސިޑެންޓުތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ގަވާއިދާ ޚިލާފަށް ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ޤާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން، މާލެ ސަރަހައްދު މޮނިޓަރ ކުރުމުގެ މަސައްކަތް ފުލުހުން ވަނީ ވަރުގަދަކޮށްފައެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ބަދަލު ގެނެސް، އޮކްޓޫބަރު 22 އިން ފެށިގެން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއެކު ޚާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ފުލުހުން އަންނަނީ ތައްޔާރުވަމުންނެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް