
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަނީ ހަގީގަތް އެނގިތިބެ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ. އަދި މި މަޝްރޫއުގެ އެއްވެސް އެއްބަސްވުމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ނުހަދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލެ ހިއްކައިގެން މީހުން ދިރިއުޅެން ފެށިއިރު ރޭވުންތެރިކަމާއެކު އިންވެސްޓްމަންޓްތައް ގެނެވިފައި ނެތުމުން، އެތަނުގައި ތަރައްގީ އައުމަށް އެތައް ޒަމާނެއް ނެގިއެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ރަސްމާލެއިން ދޫކުރާ ބޯހިޔާވަހިކަމުގައި ރައްޔިތުން ދިރިއުޅެން ފެށުމުގެ ކުރިން، ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތަކާއެކު އެތަނަކީ ފުރިހަމަ ތަރައްގީ ލިބިފައިވާ ތަނަކަށް ހެދުމެވެ.
އީގަލް ހިލްސްގެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕަޓީތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތަންތަން ގަންނަ ފަރާތްތަކަށް 99 އަހަރަށް ދިން ނަމަވެސް، މުއްދަތު ހަމަވުމުން އެތަންތަން ވިއްކަން ޖެހޭނީ ދައުލަތަށް ކަމަށެވެ. އަދި އޮޓޯއިން މުއްދަތު އައުވާ ގޮތަށް ނޯންނާނެ ކަމަށާއި، ސަރުކާރަށް ނޭނގި މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ މި ޕްރޮޕަޓީތަކުގެ 25 އިންސައްތަ ކަމަށާއި، މިކަންކަން ބަޔާންކޮށް ރިއަލް އެސްޓޭޓާ ބެހޭ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މި މަޝްރޫއުގެ ތެރެއިން ހިންގާ ކޮންމެ މުއާމަލާތަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ރަސްމާލޭގެ 500 ހެކްޓަރުގައި ހިންގާ ވޯޓާ ފްރަންޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިންވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް ނުވަތަ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ދައުލަތަށް ލިބިގެންދާނެއެވެ.
މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ އެސްކްރޯ އެކައުންޓަކަށް ކަމަށްވާތީ، ޑޮލަރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަވާނެއެވެ. އަދި އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާތީ، ޓީޖީއެސްޓީއާއި އެހެނިހެން ޓެކްސްތައް ދައުލަތަށް ފުރިހަމައަށް ލިބިގެންދާނެއެވެ.





