0 comments 72 views
ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތުގެ އާމްދަނީ 31.89 ބިލިއަން ރުފިޔާއަށް އަރައިފި
21 އޮކްޓޯބަރ 2026 (ބުދަ)   19:22
މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 31.89 ބިލިއަން ރުފިޔާއަށް އަރައި ބޮޑު ކުރިއެރުމެއް ހޯދައިފި ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ 24.63 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 23.03 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީއަށް ލިބުނު މި ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) އެވެ. އެގޮތުން ޖީޖީއެސްޓީގެ ގޮތުގައި 4.43 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.2 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 1.09 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.79 ބިލިޔަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 3.01 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން 1.39 ބިލިޔަން ރުފިޔާ ލިބުނުއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.55 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ބޭރުގެ އެހީތެރިކަމުގެ ގޮތުގައި ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ 68.1 އިންސައްތަ އިތުރުވެ، 0.52 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ރައްޔިތުންނަށް ދެވޭ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސަބްސިޑީއަށް ކުރި ހޭދަ ވަނީ 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އާސަންދައަށް ކުރި ޚަރަދު ވަނީ 16.9 އިންސައްތަ އިތުރުވެ 1.92 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ގައުމީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ގޮތުން ބަނދަރުތައް ތަރައްގީކުރުމަށް ކުރި ޚަރަދު 25.5 އިންސައްތަ އިތުރުވެފައިވާއިރު، އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ޚަރަދު ވަނީ 27.6 އިންސައްތަ އިތުރުވެފައެވެ. މިގޮތުން ޖުމްލަ ކެޕިޓަލް ޚަރަދު ވަނީ 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މާލީ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 36.39 ބިލިއަން ރުފިޔާގައެވެ. އަދި މިއާއެކު ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ހުރީ 4.50 ބިލިޔަން ރުފިޔާގައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް