
މި ޝަރަފުވެރި އެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ އެމަނިކުފާނު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޕާކިސްތާނުގެ ރައީސް އަދި އެ ޔުނިވަރސިޓީގެ ޗާންސެލަރ އާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުން މި އޮނަރަރީ ޑިގްރީ ރައީސް ޑރ. މުޢިއްޒާ ހަވާލުކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ޔުނިވަރސިޓީގެ އިސްވެރިންނެވެ. މިއީ އެމަނިކުފާނު ސިޔާސީ ދާއިރާއިންނާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި ޝަރަފެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ލިބިވަޑައިގެންނެވި މި ޝަރަފަކީ މުޅި ދިވެހި ޤައުމަށާއި ލޮބުވެތި ރައްޔިތުންނަށް، އަދި ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމަށް ލިބުނު މަތިވެރި ޝަރަފެއް ކަމަށެވެ. އަދި މި ޝަރަފުގެ ޙަޤީޤީ ޙައްޤުވެރިންނަކީ ދިވެހި ރައްޔިތުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކުވެސް ދުނިޔޭގައި ހަނގުރާމަތަކާއި އިންސާނީ ތަކުލީފުތައް އޮތްކަން ފާހަގަކުރައްވައި، އަޚްލާޤީ ޒިންމާތައް އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ޤައުމެއްގެ ޤަދަރަކީ ބިމުގެ ތަނަވަސްކަމުން ނުވަތަ އަސްކަރީ ބާރުން ވަޒަންކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކޮންމެ ޤައުމަކަށްވެސް އިޙްތިރާމާއި ކޮންމެ އިންސާނަކަށްވެސް ކަރާމާތް ޙައްޤުވާ ކަމަށް ވިދާޅުވިއެވެ.
މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނަށް ޕާކިސްތާނުން ވަނީ 21 ބަޑީގެ ސަލާމަކާއި ޝަރަފުގެ ގާޑަކާއެކު ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ތާރީޚީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޚާއްޞަ ބިޒްނަސް ފޯރަމެއް ބޭއްވުމުގެ އިތުރުން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާވެސް ރައީސް ބައްދަލުކުރައްވާނެއެވެ.





