
މިކަން އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ވެރިން ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ދެއްވި ގުޅިފައިވާ ބަޔާނުގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފެވެ.
ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ވާހަކަފުޅުގައި، ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވައި، ދެފަރާތަށް އެއްބަސްވެވޭ އުސޫލެއްގެ މަތިން މި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަނެ، ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ފަސް މިލިއަން ގަސް އިންދުމުގެ ވަޢުދު ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ކޮޕް-28 ސަމިޓުގައެވެ. އަދި މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖޫން 5 ގައި ފާހަގަކުރި ދުނިޔޭގެ ތިމާވެށީގެ ދުވަހުއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން މިހާތަނަށް މުޅި ރާއްޖޭގައި 2،040،866 ގަސް ވަނީ ކާމިޔާބުކަމާއެކު އިންދާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 5،859،394 ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު، އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަދި އިތުރަށް އިންދަން ޖެހެނީ 3،818،528 ގަހެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި 20 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ޕާކިސްތާނުގެ ފަންނީ ތަޖުރިބާ ހިއްސާކުރުމަށްވެސް ބޮޑުވަޒީރު ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ޕާކިސްތާނު ސަރުކާރުން ހަދިޔާކުރާ މި އެއްލައްކަ ޒައިތޫނި ގަހާއި ގަސްއޮށަކީ، ދިވެހިރާއްޖެ ފެހިކޮށް، ގުދުރަތީ ވެށި ރައްކާތެރިކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.





