
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތިން ދުވަހުގެ ތެރޭގައި ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އެ ތަކެތީގެ މަގުމަތީގެ އަގު 21.6 މިލިއަން ރުފިޔާ އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގެ ދަށުން އަޅުގަނޑު މި އަޒުމް ކަނޑައަޅަނީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް. ފުލުހުންނާއި ކަސްޓަމްސްގެ މި މަސައްކަތަށް ފަހުރުވެރިވަން،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން އަތުލައިގަތް 16.69 ކިލޯގެ މަސްތުވާތަކެއްޗާ ބެހޭ ތަފުސީލެއް އަދި ފުލުހުން ނުދެ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތްއިރު، އިއްޔެ ރޭ މަޖީދީ މަގުގައި މަސްތުވާތަކެތި ވިއްކަމުން ދަނިކޮށް ވެސް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ވެސް މަގުމަތީގައި މަސްތުވާތަކެތި ވިއްކާ މީހުން ހޯދަން ފުލުހުން ހިންގާ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް އެއްޗެހިތަކެއް ކަމަށް ވެ އެވެ.





