0 comments 180 views
ގެދޮރުވެރިކަމުގެ ޑައުންޕޭމަންޓަށް ހިލޭ އެހީދޭ ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން އަންނަ މަހު ހުޅުވާލަނީ
23 އޮކްޓޯބަރ 2026 (ހުކުރު)   18:30
ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ހަމަޖެއްސުމަށް ސަރުކާރުން ތަޢާރަފުކުރި ހިލޭ އެހީގެ ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ރަސްމީކޮށް ހުޅުވާލަން ނިންމާފައިވާކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ.

ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމުގެ ދަށުން ސަރުކާރުން އެކުލަވާލާފައިވާ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމަކީ ގެދޮރުވެރިކަން ހޯދުމުގައި ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ދެއްކުމަށް އެހީތެރިވުމަށް ފަށާ ދެ ސްކީމެވެ. މި ދެ ސްކީމަކީ ވެސް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ސީދާ ސަރުކާރުން ދޭ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮގްރާމްތަކެކެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކު މިހާރު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގިނަ އާއިލާތަކަށް ގެދޮރު މިލްކުކުރުމުގައި ދިމާވާ މައިގަނޑު ހުރަހަކީ މަހުން މަހަށް ދައްކަންޖެހޭ ލޯނުގެ އިންސްޓޯލްމަންޓް ނޫން ކަމަށާއި، ބޭންކަށް އެއްފަހަރާ ދައްކަންޖެހޭ ބޮޑު އިކުއިޓީ ފައިސާ ހަމަޖެއްސުން ކަމަށެވެ. އެގޮތުން، ވޯލްޑް ބޭންކުގެ އެހީގައި ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުގައި މާލޭގެ މެދުފަންތީގެ އާއިލާތަކަށް ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ގަތުމަށް ބޭނުންވާ އިކުއިޓީން ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ މަދުވެއެވެ.

މީގެ އިތުރުން ސާވޭކުރެވުނު ގޭބިސީތަކުގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ ތަންތަނުގައި އެއްވެސް ފައިސާއެއް ރައްކާކުރެވިފައި ނެތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަހަކު 3،000 ރުފިޔާއަށްވުރެ އިތުރަށް ފައިސާ ރައްކާކުރެވެނީ ކޮންމެ ދިހަ ގޭބިސީއަކުން އެއް ގޭބިސީއަށްވުރެ މަދު އަދަދަކަށް ކަމަށް އެ ދިރާސާއިން ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން އެކުލަވާލި މި އައު މޮޑެލްގެ ފައިދާ ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުން އެއް ގެ އިމާރާތްކުރުމަށް ހިނގާ ޚަރަދުން މި ސްކީމްގެ ދަށުން ފަސް އާއިލާއަކަށް ގެދޮރު އެޅުމުގެ އިކުއިޓީ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ބޭންކުތަކުން ލޯނު ނެގޭ ފެންވަރުގެ އާއިލާތަކަށް އަމިއްލަ ގެދޮރު ލިބި، ސަރުކާރުން އަޅާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ފްލެޓްތައް އެންމެ ނިކަމެތި އާއިލާތަކަށް ދިނުމަށް ބޮޑު ޖާގައެއް ތަނަވަސްވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސްކީމުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ސަރުކާރުން ވަނީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، މި އެހީގެ ދަށުން ބިނާކުރާ ނުވަތަ ގަންނަ ގެދޮރު 20 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައިފިނަމަ، ސަރުކާރުން ދިން ހިލޭ އެހީ އެއްކޮށް އަނބުރާ ދައުލަތަށް ދައްކަންޖެހޭނެއެވެ.

އަންނަ މަހު ފޯމު ހުށަހެޅުމަށް ހުޅުވާލުމުގެ ކުރިން ތަފްސީލީ އުސޫލުތައް އާންމުކުރައްވާނެ ކަމަށް ވިދާޅުވެ، ބިމާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަކޮށް ބޭންކުތަކާ ވާހަކަދައްކައިގެން ލޯނު ލިބޭނެ މިންވަރު ދެނެގަނެ، އެކަމަށް ތައްޔާރުވެ ތިބުމަށް މިނިސްޓަރު މުއްތަލިބު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް