
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަލީ ޝަރީފެވެ. އަދި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 21،572،640.09 (އެކާވީސް މިލިއަން ފަސް ލައްކަ ހަތްދިހަ ދެ ހާސް ހަ ސަތޭކަ ސާޅީސް ރުފިޔާ ނުވަ ލާރި) ހަރަދުކޮށްގެންނެވެ. އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަލީ ޝަރީފް ވިދާޅުވީ، މަހިބަދޫއަކީ އާބާދީ ބޮޑު އަދި ދުވަސްވީ ނަރުދަމާ ނިޒާމެއް އޮތް ރަށަކަށް ވުމުން، އެ ނިޒާމު މަރާމާތުކޮށް ހަރުދަނާކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ގިނަ ދުވަސްވެފައިވާ ފެނާއި ނަރުދަމާ ނިޒާމުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މަހިބަދޫގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމުގެ ހޮޅިތަކާއި، ޕަންޕް ސްޓޭޝަންތަކުގެ އިތުރުން ޓްރީޓްމަންޓް ޕްލާންޓުތައް ހިމެނޭހެން މުޅި ނިޒާމު ފުރިހަމައަށް ބަދަލުކޮށް އަޕްގްރޭޑް ކުރެވިގެންދާނެއެވެ.
މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މިހާރު ދިމާވެފައިވާ އެކި ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މި މަސައްކަތް ނިމުމުން މަހިބަދޫގެ ރައްޔިތުންނަށް ލިބޭ ނަރުދަމާގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ހިދުމަތެއް ކަށަވަރުވެގެންދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.





