0 comments 135 views
ރައީސް ޑރ. މުޢިއްޒުގެ ވަޢުދާ އެއްގޮތަށް 22 ރަށެއްގައި އަލަށް ލެބޯޓަރީ ޤާއިމުކޮށް، ސިއްޙީ ޚިދުމަތް ފުޅާކޮށްފި
24 އޮކްޓޯބަރ 2026 (ހޮނިހިރު)   07:08
އަތޮޅުތަކުގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މި ދައުރުގައި މިހާތަނަށް 22 ރަށެއްގައި އަލަށް ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށްދީފިއެވެ.

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ދިނުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.

އެ ވުޒާރާއިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިން މި ހިދުމަތް ނެތް 22 ރަށެއްގެ ސިއްހީ މަރުކަޒުގައި މިހާރު ވަނީ ލެބޯޓަރީގެ ހިދުމަތް މުޅިން އަލަށް ފަށާފައެވެ.

މީގެއިތުރުން، ލެބޯޓަރީ ނެތް 76 ސިއްހީ މަރުކަޒެއްގައި، ފަރުވާދޭ މަރުކަޒާ ކައިރިން ޓެސްޓް ހަދައިދޭ އުސޫލުން މުހިންމު 13 ޓެސްޓެއް ހެދޭނެ އިންތިޒާމުވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

ހަމައެއާއެކު، ޓެސްޓު ހެދުމަށް ބޭނުންވާ ރީ-އޭޖެންޓްސް ހުސްވުން ފަދަ ދަތި ދަނޑިވަޅުތަކުގައިވެސް ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގޮތުން، ކައިރި ރަށްރަށުގެ ލެބޯޓަރީތަކަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުތައް ހެދޭނެ އިންތިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ.

ރަށްރަށުގައި ލެބޯޓަރީ ނެތުމުގެ ސަބަބުން އަސާސީ ޓެސްޓުތަކަށް އެހެން ރަށްރަށަށާއި މާލެއަށް ދަތުރުކުރަންޖެހުމުން ރައްޔިތުން އުފުލި ތަކުލީފުތަކަށް ނިމުމެއް ގެނައުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.

މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ހިދުމަތް ފުޅާކުރުމަށްޓަކައި، ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމާއި ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް