
ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބެޗުގެ ތަމްރީނުތައް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި ޚާއްޞަ މެހުމާނެއްގެ ގޮތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބެޗުގެ ތަމްރީނުތައް ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކުން ގިނަ އަދަދެއްގެ ޒުވާނުން މި ތަމްރީނުގައި ބައިވެރިވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަކީ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ ވަރަށް ހަރުދަނާ ބިންގަލެއްކަން ފާހަގަކުރައްވައި، ތަމްރީނު ފުރިހަމަކުރުމަށް ހިތްވަރާއި ޢަޒުމާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ބައިވެރިވެއެވެ. މި ތަމްރީނުގައި ބައިވެރިވާ ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.
މި ތަމްރީނުގެ މުއްދަތުގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމުގެ އިތުރުން ލީޑަރޝިޕާއި އަސްކަރީ ތަމްރީނުތަކާއި ކަސްރަތާއި އަލިފާން ނިއްވުމާއި ފަސްޓް އެއިޑް ފަދަ މުހިންމު ހުނަރުތައް އުނގަންނައިދެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ދިފާޢީ ކަންކަމާއި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރު ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ތިން ބެޗުން މިހާތަނަށް 1،028 ޒުވާނުން ވަނީ އަސާސީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ. އަދި އޭގެ ތެރެއިން 136 ދަރިވަރަކު ވަނީ ނޭޝަނަލް ސާވިސްގެ ސްކިލް ޓްރެއިނިންގ ވެސް ފުރިހަމަކޮށްފައެވެ.
ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ މި ކާމިޔާބު ޕްރޮގްރާމް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން 543 ޒުވާނަކަށް މިހާރު ވަނީ ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފައެވެ. މިގޮތުން ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ ޚިދުމަތުގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސް، ކަރެކްޝަންސް، ފަހި ދިރިއުޅުން ކޯޕަރޭޝަން އަދި އެމްއޭސީއެލް ފަދަ ތަންތަނުން ވަޒީފާގެ މަގު ވަނީ ފަހިކޮށްދީފައެވެ.





