0 comments 102 views
ގަމުގައި ޒަމާނީ މެޓް އޮފީހާއި ޑޮޕްލާ ރާޑަރު ބަހައްޓައި، ދެކުނުގެ ރައްކާތެރިކަން ވަރުގަދަކުރަން ސަރުކާރުން ފަށައިފި
24 އޮކްޓޯބަރ 2026 (ހޮނިހިރު)   13:11
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރެއް ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރެއް ބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތައް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ތައްޔާރީ މަސައްކަތްތައް ނިމުމާއެކު، އައު މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

ގަން އެއާޕޯޓުގައި އަލަށް ގާއިމުކުރާ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ މާ ބޮޑަށް ދެނެގަތުމަށް މަގުފަހިވާނެ ވަސީލަތެކެވެ. މީގެ ސަބަބުން ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެވި، ރައްޔިތުންނަށް އަވަހަށް އިންޒާރު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ޒަމާނީ ރާޑަރުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މި މަޝްރޫއު ނިމި ހިދުމަތް ފެށުމުން، މޫސުމާ ބެހޭ ގައުމީ އިދާރާގެ ހިދުމަތްތައް ލާމަރުކަޒީ ކުރެވި، ރާއްޖޭގެ ދެކުނު ސަރަހައްދުގައި މޫސުމީ މައުލޫމާތު އެއްކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް