
މި ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ބައެއްގެ ގޮތުގައި ބިނާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން، ކުޅިވަރާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ހަރަކާތެކެވެ.
މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ބުރު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ، ފަންނީ ގާބިލުކަން ތަރައްގީކުރުމަށާއި، ފަރުދުން ބާރުވެރިކުރުވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން ހާމަކުރައްވާފައެވެ. އަދި މުޅި ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ ހަރަކާތްތައް ފުޅާކުރުމަށް ވުޒާރާއިން އަހައްމިއްޔަތުކަން ދެއްވާ މިންވަރުވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގެ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިމުމާއެކު، ރާއްޖޭގެ 19 އަތޮޅެއް ތަމްސީލުކުރާ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް މި އަހަރުގެ ޕްރޮގްރާމުގެ ތެރެއިން ވަނީ ބޭނުންވާ ތަމްރީނާއި މައުލޫމާތު ފޯރުކޮށްދީ ނިމިފައެވެ.
މި ޕްރޮގްރާމަކީ މަސައްކަތްތެރިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށާއި، މުޅި ރާއްޖޭގައި ހަރަކާތްތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.





