
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމަނިކުފާނުގެ ހާއްސަ ތަސައްވުރެއް އަބަދުވެސް ރައްޔިތުންނާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއިރު ގައުމުގައި އުފެދިފައި ހުރި މާލީ އަދި އިގުތިސާދީ ގޮންޖެހުންތަކާއި ކުރިމަތިވެދާނެ ކަންކަމުގެ މައުލޫމާތުވެސް ރައީސް ހާމަކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ގޮންޖެހުންތަކާ އެކުވެސް ގައުމު ކުރިއަށް ގެންދާނެ ސާފު މަގެއް ރައީސް މުޢިއްޒު ދައްކަވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ބައިނަލްއަގުވާމީ މައިދާނުން ލިބެންހުރި ފުރުސަތުތައް ދެނެގަނެ، އެކަންކަމުގެ ބޭނުން ހިފުމަށް ރައީސް މެދުކެނޑުމެއްނެތި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ފުރިހަމަ ގޮތެއްގައި އިންވެސްޓްމެންޓުތައް ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ. މިގޮތުން އެންމެ ބޮޑެތި އިންވެސްޓްމެންޓުތަކުން ފެށިގެން އެންމެ އާދައިގެ ކުދި ވިޔަފާރިތަކަށްވެސް ފައިދާ ކުރާނެ މުހިންމު ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ގައުމުގެ އުފެއްދުންތެރި ރައްޔިތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ވިޔަފާރީގެ ތެރެއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކާއި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސް ހާއްސަ އަމާޒުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އުފެއްދުންތެރި ހިޔާލުތައް ހުރި ޒުވާނުންނަށް އިގުތިސާދީ މަންފާ ހޯދައިދިނުމަށްޓަކައި، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގެ އިގުތިސާދުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީ ކަމުގައި ހެދުމަށް ރައީސް ތަސައްވުރު ކުރައްވައި އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ މޯލްޑިވްސް އެކްސްޕޯއަކީ ވަރަށް ފުޅާ ދާއިރާއެއްގައި އިންތިޒާމުކުރެވުނު ހަރަކާތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިވި މި މައުރަޒުގައި މިއަހަރު 600 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ އަދަދު 4،400 އަށް އަރާފައިވާއިރު، މައުރަޒުގެ ޑިސްޓްރިކްޓްތަކުގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އަލަށް އިތުރުކުރެވުނު ވިޒިޓަ އިކޮނޮމީ ޑިސްޓްރިކްޓުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، އިންޓަނޭޝަނަލް ޑިސްޓްރިކްޓް މެދުވެރިކޮށް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގެ އުފެއްދުންތައް ދައްކާލެވި، ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ އައު މާކެޓުތަކަށް ވާސިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





