0 comments 126 views
އައްޑޫ އެސްއެމްއީ ޒޯނަކަށް ހައްދަވައި ޓެކްސްއާއި ކުލީގެ ބޮޑެތި ލުއިތަކެއް ދެއްވަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި
24 އޮކްޓޯބަރ 2026 (ހޮނިހިރު)   21:06
ރާއްޖޭގެ އެކި ސަރަހައްދުތައް ޒޯނުތަކަކަށް ބަހާލައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ދިނުމުގެ ސިޔާސަތުގެ ދަށުން، ފުރަތަމަ ޒޯނެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅުއްވައި، އަންނަ ޖެނުއަރީ އެކަކުން ފެށިގެން ބޮޑެތި އިނާޔަތްތަކެއް ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވެސް ހިމަނުއްވާފައިވާ މުހިންމު ކަމެއް ކަމަށެވެ. އަދި ތިން އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން ބޮޑެތި ލުއިތައް ލިބިގެންދާނީ އައްޑޫ ސިޓީގައި އަމަލީ ގޮތުން ގާއިމުވެ ތިބެގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ވިޔަފާރި ހިންގުމަށް ދައުލަތުގެ ބިން ބޭނުންކުރާނަމަ ބިމުގެ ކުލި މައާފުކޮށްދިނުމާއި، އިންކަމް ޓެކްސް ދައްކަން ނުޖެހުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން 20 އިން 30 ކޯޓާއިން އަހަރީ ފީ ލުއިކޮށްދިނުމާއި، ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުން ފީ ދައްކަން ނުޖެހޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މި ނިންމެވުމުގެ މައިގަނޑު މަގުސަދަކީ އައްޑޫގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެ ސިޓީގެ އިގްތިސާދު ވަރުގަދަކޮށް، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. އަދި އައްޑޫއަށް ފަހު ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ޒޯނުތައް ކަނޑައަޅައިގެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި، މިއީ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބައިނަލްއަގުވާމީ ބާޒާރުގައި ވިޔަފާރިކުރާ ދިވެހި ކުދި ވިޔަފާރިތަކަށް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް އިއުލާން ކުރެއްވިއެވެ. އަދި އެގޮތަށް ލިބޭ ޑޮލަރުން ކާޑު މެދުވެރިކޮށް އަދި ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށާއި، ބޭނުންކުރާ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ތަނަވަސްވާނެ ކަމަށް ވިދާޅުވިއެވެ.

އެސްއެމްއީ ސެކްޓަރަށް ދެއްވާ އިތުރު ލުއިތަކުގެ ތެރޭގައި ޓެކްސް ދެއްކުމުގައި އޮފްސެޓް ކުރެވޭނެ އިންތިޒާމާއި، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް ބަދަލުކުރުން ހިމެނެއެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ވަކި ބާވަތްތަކެއްގެ ރޯ މެޓީރިއަލްސްއިން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އައްޑޫ އެސްއެމްއީ ޒޯނާ ގުޅޭ ތަފުސީލުތައް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ހާމަކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް