
އެ މަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރަމުންދާ އދ. ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ހުރިހާ ދައުލަތްތަކެއްގެ ހައްގުތަކަށް އެއްވަރަކަށް އިހުތިރާމްކޮށް، ކޮންމެ ގައުމެއްގެ އަޑު ވެސް ހަމަހަމަކަމާއެކު އަހާ ތަނަކަށް އދ. ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ މިނިވަންކަމާ އެކު، ގައުމީ އަމާޒުތަކާއި އުންމީދުތައް ހާސިލް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެފައި އޮތުމަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި ރައްޔިތުންގެ ކުރިއެރުމަށް އިންވެސްޓުކުރުމާއި، އިގުތިސާދު ހަރުދަނާކޮށް، ބޭރުގެ ގޮންޖެހުންތަކާ ދެކޮޅަށް ވިލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އދ. ގެ އިތުބާރު ބިނާވެފައިވަނީ ގައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށާއި، އެކަން ހާސިލުކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކަށް ފުރިހަމައަށް އިހުތިރާމްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރުމުގައި ހަމަހަމަކަން ނެތުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމަކީ އެ އިތުބާރު ގެއްލިގެންދާ ސަބަބުތަކެއް ކަމުގައި ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
އެފަދަ ބައިބައިވުންތަކުގެ ސަބަބުން ހާއްސަކޮށް ފަލަސްތީނުގެ އިންސާނިއްޔަތަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމަށް މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި ދެމެހެއްޓެނިވި ނޫން ދަރަނީގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ވެސް އެ މަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖު ނިންމަވާލައްވަމުން، ސުލްހަމަސަލަސްކަމާއި އިންސާފު ގާއިމުކުރުމަށްޓަކައި އަދި ކޮންމެ ދައުލަތަކަށް ވެސް އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.





