
ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ހަވާލުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެވެ. މި މަޝްރޫއާ ގުޅުވައިގެން ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، އެ ކުންފުންޏާ ދެކޮޅަށް މަސައްކަތް ނުކުރުމަށް ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.
ނަޝީދު ވިދާޅުވެފައިވަނީ ޔޫއޭއީގެ ކުންފުންޏަކާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ގެއްލުންވެ، އެ ގައުމު ސަރުކާރު ހިންގާ ޕީއެންސީއަށް ދޫކޮށްލެވޭނެ ކަމެއް ކަމަށެވެ. އަދި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލް-އައްބާރަށް ފުރައްސާރަ ނުކުރުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން އެޑްވާންސަކާ ނުލައި 500 ހެކްޓަރުގެ ބިން ދޭތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ. އަދި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލް-އައްބާރާ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
މީގެ އިތުރުން، މި މަޝްރޫއަކީ އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެއިން ޕްރޮޕަޓީ ގަތުމަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ. އެގޮތުން އެމަނިކުފާނުގެ ފެކްޝަނާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުންވެސް ވަނީ ނަޝީދުގެ ވިސްނުމާ ދެކޮޅަށް މެސެޖު ކުރައްވާފައެވެ.
މި މައްސަލައިގައި އެމްޑީޕީން ރަސްމީ ގޮތެއް ނިންމުމަށްޓަކައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދި ކުރިއަށް ގެންދިޔަ ވަޓްސްއެޕް ޕޯލެއްގައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 66 މެންބަރަކު ވަނީ ބައްދަލުވުން ބޭއްވުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ.





