
ރަސްމާލޭގެ 500 ހެކްޓަރު ބިމުގައި 'ވޯޓަ ފްރޮންޓް އެންޑް މެރީނާ' މަޝްރޫޢު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ނިންމާފައިވާއިރު، މި މަޝްރޫޢުގެ އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް ހަދާފައިވަނީ ދުނިޔޭގެ މަޝްހޫރު ރިސާޗް އަދި އެނަލިޓިކްސް ފާމެއް ކަމަށްވާ އީވެލިއުސާވް އިންނެވެ. އެ ކުންފުނިން މި މަޢުލޫމާތުތައް ހިއްސާކުރީ އިއްޔެ ބޭއްވި މޯލްޑިވްސް އެކައުންޓިން ފޯރަމްގައެވެ.
އެ ކުންފުނީގެ ދިރާސާއިން ދައްކާ ގޮތުގައި ރަސްމާލެ މަޝްރޫޢަށް އިންވެސްޓްކުރާ ކޮންމެ އެއް ޑޮލަރަކަށް ރާއްޖޭގެ އުފެއްދުންތެރިކަމަށް 1.6 ޑޮލަރު އިތުރުވާނެއެވެ. އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 22 ބިލިއަން ޑޮލަރު ރާއްޖެއަށް ވަންނާނެ ކަމަށްވެސް އެ އެސެސްމެންޓުން ވަނީ ލަފާކޮށްފައެވެ.
ވަކިވަކިން ހަދާ ރިސޯޓުތަކަށް ވުރެ މިފަދަ މަލްޓި-ޕާޕަސް މަޝްރޫޢުތަކުން އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުވެ، 'އިކޮނޮމިކް މަލްޓިޕްލަޔަ އިފެކްޓް' އެއް އުފެދޭނެކަން ވޯލްޑް ބޭންކާއި އައިއެމްއެފްގެ ދިރާސާތަކުންވެސް ދައްކާ ކަމަށް އީވެލިއުސާވް އިން ބުންޏެވެ. މިގޮތުން ރަސްމާލެއާއެކު ރީޓެއިލް ވިޔަފާރިތަކާއި މެރީނާ އަދި ލެޝާ ހަރަކާތްތަކާ ގުޅޭ ގިނަ ޚިދުމަތްތަކެއް އުފެދިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 300 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާވެ، އިތުރު ނަފާ ހޯދުމުގެ މަގު ތަނަވަސްވާނެ ކަމަށް އެސެސްމެންޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހޮސްޕިޓާލިޓީ، ރީޓެއިލް އަދި ވޯޓަފްރޮންޓް ޚިދުމަތްތައް ހިމެނޭއިރު، ރާއްޖޭގެ ރަޖިސްޓްރީވެފައިވާ 90 ޕަސެންޓް ވިޔަފާރިއަކީ އެސްއެމްއީ ކަމަށްވުމުން މިއީ އިޤްތިޞާދަށް ސީދާ ފައިދާ ކުރާނެ ކަމެކެވެ.
އީވެލިއުސާވްގެ ޑިރެކްޓަރު މީހައު ރަޖޫކް ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓުން ޖުމްލަ 60،000 ވަޒީފާ އުފެދޭނެ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން މަރުހަލާގައި 45،000 ވަޒީފާ އަދި އޮޕަރޭޝަން ފެށުމުން 15،000 އަށް ވުރެ ގިނަ ދާއިމީ ވަޒީފާ އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްމާލޭގެ ފެސިލިޓީތަކަށް އަހަރަކު ގާތްގަނޑަކަށް 900،000 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. އެ ކުންފުނީގެ ސީނިއާ މެނޭޖަރު އަރްނާވް ސަކްސޭނާ ވިދާޅުވީ މި މަޝްރޫޢުގެ ބިމުގެ 22 ޕަސެންޓް ފެހި ސަރަޙައްދުތަކަށް ޚާއްޞަކޮށް، އިޔާދަކުރަނިވި ހަކަތައާއި ފަރުތައް އާލާކުރުމަށް ޕްލޭންކުރުން މުހިންމު ކަމަށެވެ.
މިފަދަ ބިޔަ މަޝްރޫޢުތައް ހަލުވިކަމާއެކު ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެއްބާރުލުމާއި މުއައްސަސާތަކުގެ ބަދަހި ގުޅުން މުހިންމުކަން އީވެލިއުސާވް އިން ފާހަގަކުރިއެވެ. އަދި ދިގު މުއްދަތުގެ ފައިދާ އެންމެ ފުރިހަމައަށް ހާސިލުވާނީ ދިވެހި ކުދި ވިޔަފާރިތަކަށާއި ދިވެހިންގެ ވަޒީފާތަކަށް އިސްކަންދެވިގެން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.





