
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ރާއްޖޭގައި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯންތަކެއް ގާއިމުކޮށްގެން ބިދޭސީންނަށް ބިމާއި އިމާރާތް މިލްކުކުރެވޭނެ ގޮތް ހެދުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ބުނެ ނޫހެއްގައި ޝާއިއުކުރި ހަބަރަކާ ގުޅިގެން ”ސަންގު“ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ރިޕޯޓުތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ސަރުކާރުގެ މި ސިޔާސަތު ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުން ވެސް މީގެ ކުރިން ތަކުރާރުކޮށް ސާފުކޮށްދެއްވާފައިވާ ކަމަށެވެ.
ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި އެއްވެސް ފަރާތަކަށް ބިން މިލްކުކުރެވޭ އުސޫލުން ނުވަތަ 'ޕާޕެޗުއިޓީ' އަށް ބިން ދިނުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅެއެވެ. މި މަޝްރޫއުގައި ވެސް ސަރުކާރުން ހަމައެކަނި ބޭނުންކުރާނީ ކުއްޔަށް ދޫކުރާ 'ލީސްހޯލްޑް' މޮޑެލް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށާއި، މި އުސޫލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް ޒަމާނުއްސުރެ ކާމިޔާބުކަމާއެކު އަމަލުކުރަމުން އަންނަ އުސޫލު ކަމަށް ތަރުޖަމާނު ބަޔާންކުރެއްވިއެވެ.
ރާއްޖޭގައި ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް މީގެކުރިން ބަދަލު ގެނައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައިކަން ތަރުޖަމާނު ހަނދާންކޮށްދެއްވިއެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނީ އޮނިގަނޑަށް މި ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނާނެ ކަމުގެ ފުރިހަމަ އިތުބާރު ވެސް އޭނާ ވަނީ އަރުވާފައެވެ.





