0 comments 135 views
ހޯރަފުށީގައި އައު ޖަނަރޭޓަރެއް ބަހައްޓައި، އެ ރަށުގެ ކަރަންޓު ކެޕޭސިޓީ ސަރުކާރުން 3.3 މެގަވޮޓަށް މަތިކޮށްދީފި
26 އޮކްޓޯބަރ 2026 (ހޯމަ)   04:11
ހއ. ހޯރަފުށީގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އެ ރަށުގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފިއެވެ.

ހއ. އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ބުނި ގޮތުގައި، އަލަށް އިންސްޓޯލްކޮށް ބޭނުންކުރަން ފެށި މި ޖަނަރޭޓަރާއެކު ހޯރަފުށީގައި ކަރަންޓު އުފައްދާ މިންވަރު ވަނީ 3.3 މެގަވޮޓަށް މަތިކުރެވިފައެވެ.

މި އައު ޖެންސެޓް ގެނެސް އިންސްޓޯލް ކުރުމުގެ ކުރިން، ހޯރަފުށީގެ އިންޖީނުގޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރަމުން ދިޔަ ޖުމްލަ ކެޕޭސިޓީއަކީ 2.7 މެގަވޮޓެވެ.

މި ޖަނަރޭޓަރުގެ ހިދުމަތް ލިބެން ފެށުމާއެކު، ހޯރަފުށީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ވަނީ މަގުފަހިވެފައެވެ.

ފެނަކަ ކޯޕަރޭޝަން އުވާލުމަށްފަހު އެ ކުންފުނިން ދެމުންދިޔަ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ ހިންގުމުގެ ހަރަދު ކުޑަކުރުމާއެކު، ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ލާމަރުކަޒީކޮށް ފޯރުކޮށްދިނުމަށެވެ.

ފެނަކައިން ކުރިން އަސާސީ ހިދުމަތްތައް ދެމުން އައި ރަށްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުވެވި ހުރި ރަށްތަކުގެ އޮޕަރޭޝަންތަކާ ވީއެންމެ އަވަހަކަށް ހަވާލުވެ، އެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް