
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ ޖަލްސާގައި މިހާރު ވަނީ އިއްވާފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ކުއްޖާގެ ޚާއްސަ އެހީއަށް ބޭނުންވާ މިންވަރާއި ނަފްސާނީ ހާލަތަށް ރިއާޔަތްކޮށް ހަދާ އެސެސްމެންޓްތަކުގެ އަލީގައި، ގޭގައި ތިބެގެން މަދުރަސީ ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ހޯމް-ސްކޫލިން ތައާރަފުކޮށް، އޭގެ ދަށުން ކިޔެވުމުގެ ޝަރުތުތަކާއި އުސޫލުތައް ގާނޫނުގައި ސާފުކޮށް ބަޔާންކުރުމެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖަކަށް ހޯމް-ސްކޫލިންގެ ފުރުސަތު ލިބޭނީ މައިގަނޑު ތިން ހާލަތެއްގައެވެ. އޭގެ ތެރޭގައި ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ހުރަސްއަޅާ ފަދަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ މައްސަލައެއް ހުރުމާއި، އެ ނޫންވެސް އެފަދަ ޚާއްސަ ހާލަތެއް މެދުވެރިވުން ހިމެނެއެވެ.
މީގެ އިތުރުން، މި ޚިދުމަތް ދަރިވަރަކަށް ލިބޭނީ އެ ކުއްޖެއްގެ ބެލެނިވެރިންނަކީ ހޯމް-ސްކޫލިން ފޯރުކޮށްދިނުމުގެ މާލީ ގާބިލުކަން ހުރި ފަރާތްތަކަކަށް ވާނަމައެވެ. އަދި ހޯމް-ސްކޫލިންއަށް އެދި ހުށަހެޅޭނީ ރަސްމީ ތައުލީމީ ނިޒާމުގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށެވެ.
މި ބިލުގައިވާ ގޮތުން ހޯމް-ސްކޫލިންއަށް ޝަރުތުހަމަވާ ކުދިން ކަނޑައަޅަން ހަދާ އެސެސްމެންޓްތަކާއި، ކުދިން ރަޖިސްޓްރީކުރުމާއި، ކިޔަވައިދޭނެ ޕްލޭން އެކުލަވައިލުމުގެ ބާރު ލިބެނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. މީގެ އިތުރުން ކިޔަވައިދޭ ޓީޗަރުންގެ ޝަރުތުތަކާއި ކިޔަވާ ކުދިން މޮނިޓާކުރާނެ އުސޫލުތައް ކަނޑައެޅުންވެސް އެ ވުޒާރާއަށް ލާޒިމުކޮށްފައިވެއެވެ.
ހޯމް-ސްކޫލިންގެ އުސޫލުން ވެސް ކިޔަވަން ދަތިވާ ފަދަ ސީރިއަސް ހާލަތްތަކުގައިވާ ކުދިންނަށް ރަސްމީ ތައުލީމު ހޯދުން ލާޒިމުނުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށްވެސް ވަނީ ހުށަހަޅާފައެވެ. ސަރުކާރުން މި މުހިންމު އިސްލާހު މަޖިލީހަށް މި ހުށަހެޅީ ގޭގައި ބައިތިއްބައިގެން ކިޔަވައިދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.





