0 comments 84 views
ރައްޔިތުންނަށް ޓެކްސް ބޮޑުނުކޮށް، ސަރުކާރުން ދަނީ ބޮޑެތި ދަރަނި ދައްކައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން: ފަލާޙް
26 އޮކްޓޯބަރ 2026 (ހޯމަ)   09:08
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ އަތުން އެއްވެސް ޓެކުހެއް ބޮޑުނުކޮށް، ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރަމުން މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވެ ޒަރޫރީ ހުރިހާ ބޭނުންތަކެއް ސަރުކާރުން ފުއްދައިދެމުންދާ ކަމަށެވެ.

މެންބަރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތަށް ލިބޭ އާމްދަނީ ބޭނުންކޮށްގެން ކުރީގެ ސަރުކާރުތަކުން ނަގާފައިވާ އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ދަރަނި މި ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކައި ހަލާސްކޮށްފައެވެ.

ގައުމުގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭގޮތުން ފަލާޙް ވިދާޅުވީ، ރާއްޖޭގައި މިއަދު ފުރިހަމަ ސިޔާސީ މިނިވަންކަން ގާއިމުވެފައިވާ ކަމަށާއި، އެއްވެސް ސިޔާސީ ފަރާތެއް ޖަލަށްލައި އަނދަގޮނޑި ޖަހާފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ނައިބު ރައީސަށްވުރެ ރައީސްގެ މުސާރަ ކުޑަކޮށް އޮތް އޮތުން ނިމުމަކަށް ގެނެސް، ތިން ބާރުގެ ހަމަހަމަކަން ގާއިމުކުރުމަށް ކަމަށެވެ.

ވަޒީރުންގެ މުސާރައިގެ އަސާސީ ބަޔަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން ފާހަގަކުރައްވައި ފަލާޙް ވިދާޅުވީ، ކާރާއި ޑްރައިވަރާއި ތެލަށް ކުރިން ދެމުންދިޔަ 7،000 ރުފިޔާއަކީ އެކަށީގެންވާ މިންވަރަކަށް ނުވާތީ އެ އެލަވަންސް 17،000 ރުފިޔާއަށް އިސްލާހުކުރީ ކަމަށެވެ.

މީގެއިތުރުން، ޕީއެންސީގެ މެންބަރުންނަކީ ވަކި އޯޑަރަކަށް ތަބާވާ ބޮޓުންތަކެއް ނޫން ކަމަށާއި، އެ ޕާޓީގެ މެންބަރުންނަށް މިނިވަންކަމާއެކު ވާހަކަދެއްކުމުގެ ފުރުސަތު ފުރިހަމައަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް