
ބެއިޖިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުއްވައިދެއްވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަން އަޙުމަދު ޝަފީޢުއާއި، މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމާއި ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މިއީ އެ އެއާލައިންގެ ދަތުރުތަކާއި ޚިދުމަތްތައް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަކަމާއެކު ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ އެއާލައިނުން ފާހަގަކުރެ އެވެ.
މި އޮފީސް ހުޅުވުމާއެކު ޗައިނާގެ މާކެޓުގައި އެއާލައިންގެ ހަރަކާތްތައް ވަރުގަދަވެ، އެ ގައުމުގެ ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ގައުމީ އެއާލައިނުން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން ބަދަހިވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވެސް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޗައިނާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 327,531 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 19 އިންސައްތައެވެ.
މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ އެ އެއާލައިންގެ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ބެއިޖިން އަދި ޝަންހާއީ ހިމެނޭހެން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އަދި އެ އެއާލައިނުން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑެވެ.





