0 comments 123 views
ގައުމަށް ޚިޔާނާތްތެރިވުމާއި އިގުތިސާދަށް ގެއްލުންދިނުން ހުއްޓުވަން ސަރުކާރުން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި
26 އޮކްޓޯބަރ 2026 (ހޯމަ)   18:38
ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމާއި، ގައުމުގެ އިގުތިސާދަށް ގެއްލުންދިނުމުގެ އިތުރުން ގަތުލުއާންމު ހިންގުން ޖިނާއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ. މި ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭން ބައިވެރިވެފައިވާ ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތްވާ ގޮތުގެ މަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި، އިސްލާމްދީނާ އިދިކޮޅު އަމަލުތަކަށް ކަނޑައަޅާފައިވާ އަދަބު ބޮޑުކުރުން ހިމެނެއެވެ.

ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ބާބެއް ވަނީ ހިމަނާފައެވެ. އެގޮތުން ދިވެހި ރައްޔިތަކު ގަސްދުގައި ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި، ހަނގުރާމަކުރާ ފަރާތްތަކާ ބައިވެރިވުމާއި، ރާއްޖޭގެ ދުޝްމަނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

އެ ކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 10 އަހަރުގެ ޖަލު ހުކުމެއް ކަމަށްވާއިރު، އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދުޝްމަނެއް ކަމަށް މާނަކޮށްފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ އަމަލުތައް ހިންގާ ބިދޭސީންނާއި އެފަދަ ކަންކަމުގައި ބައިވެރިވާ ދިވެހިންނެވެ.

މީގެއިތުރުން ދައުލަތުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް އެނގިހުރެ ނުވަތަ ފަރުވާލެއް ނެތި އަމަލުކުރުމަކީ ވެސް ޖިނާއީ ކުށަކަށް ހެދުމަށް ބިލުގައި ހިމަނާފައިވެއެވެ. މީގެ ތެރޭގައި މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ކޮމްޕިއުޓާ ސިސްޓަމްތަކަށް ގެއްލުންދިނުމާއި، އަސާސީ ހިދުމަތްތަކަށް ހުރަސްއެޅުމާއި، ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުގެ ހިންގުން ހުއްޓުވަން މަސައްކަތްކުރުން ހިމެނެއެވެ.

ދައުލަތުގެ ނުވަތަ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު އިގުތިސާދަށް ގެއްލުންދިނުމުގެ އަމަލެއް ހިންގައިފިނަމަ އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އަދި އެ ނޫން ހާލަތްތަކުގައި ތިންވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގައި ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތެއް ނައްތާލުމުގެ ނިޔަތުގައި ހިންގާ ގަތުލުއާންމުގެ އަމަލުތަކަކީ ވެސް ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ހިމަނާފައިވެއެވެ. އަދި މިފަދަ އަމަލެއް ކުރީ ވެރިއެއްގެ އަމުރަށް ކަމުގައި ވިޔަސް ދިފާއެއްގެ ގޮތުގައި ނުދެއްކޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް