
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި މި ގަރާރު ބަލައިގަތުމާ ދެކޮޅަށް 45 މެންބަރުން ވޯޓު ދެއްވިއިރު، ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
މި ގަރާރުގައި އިދިކޮޅު ފަރާތްތަކުން ވަނީ ރަސްމާލެއިން ހިއްކާ ބިމުން ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދޭން ނިންމާފައިވާ ކަމަށް ބުނެ އެކަމުގެ މައުލޫމާތުތައް ސިއްރުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް މާލީ ގެއްލުންތަކެއް ވެދާނެ ކަމަށް ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ގަރާރާ ދެކޮޅަށް ބަހުސްކުރެއްވި ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ، ސަރުކާރުން ރަސްމާލެ މަޝްރޫއުގެ ކަންކަން ކުރިއަށް ގެންދަވަނީ ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އަދި މި މަޝްރޫއަކީ ގައުމުގެ ތަރައްގީއަށް ނުހަނު މުހިންމު މަސައްކަތެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ.
އެގޮތުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ބަހުސްގައި ވިދާޅުވީ، ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ ފަރާތަކީ ގައުމުގެ އަދުއްވެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
މީގެ އިތުރުން ވެސް އީގަލް ހިލްސްގެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މި މަހުގެ ފަސް ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ޕީއެންސީގެ މެޖޯރިޓީން ވަނީ ބޭރުކޮށްލާފައެވެ.
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ފަހު އެއްބަސްވުމުގައި އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު ފާހަގަކުރާ ޖުމްހޫރީ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވަނީ ކުރިން ވިދާޅުވެފައެވެ.





