
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިއުލާނުކޮށްފައިވެއެވެ.
ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން އަދާކުރާ މުހިންމު ދައުރާއި، މުޖުތަމައު ބިނާކުރުމަށާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ މަގުސަދުގައި ދެމުން އަންނަ ޝަރަފުވެރި އެވޯޑެކެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަކިވަކި އަންހެނުންނަށާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވަނީ ފަހިކޮށްދީފައެވެ. އަދި އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން އެހެން ފަރާތްތަކުން ވެސް މި ފަރާތްތަކުގެ ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަން އަމިއްލައަށް ނުވަތަ އެ ކޮމިޓީ ނިސްބަތްވާ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޯކަލް ކައުންސިލް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ. ނަމަވެސް އެވޯޑަށް ނަން ހުށަހެޅޭނީ ކޮންމެވެސް އެއް ދާއިރާއަކުންނެވެ.
އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ލީޑަޝިޕް އަދި ގަވަނަންސް، އިގްތިސާދީ ގޮތުން ބާރުވެރިކުރުވުން، އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުން އަދި އާންމުކޮށް އަންހެނުން ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ ނޮން-ޓްރެޑިޝަނަލް ރޯލްތައް ހިމެނެއެވެ.
މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި އިންޓަވިއު އަދި ކޮށްފައިވާ ހިދުމަތްތަކަށް ބަލައި ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީންނެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑު އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުގައެވެ.





