0 comments 105 views
އަމިއްލަ ޖީބު ފުރި މީހުން ބަނގުރޫޓުކުރި އިޤްތިޞާދު މިސަރުކާރުން ނަގާ ކޮޅަށްޖަހައި ޤައުމު ސަލާމަތްކުރާނެ: ޢަބްދުއްރަޙީމް
27 އޮކްޓޯބަރ 2026 (އަންގާރަ)   09:11
ދައުލަތުގެ ފައިސާއިން އަމިއްލަ ޖީބުތައް ބޮޑުކުރި ބަޔަކު ބަނގުރޫޓުކޮށްލި އިގުތިސާދު އަލުން ކޮޅަށް ޖަހައި، ގައުމު ސަލާމަތްކުރުމުގެ މަސައްކަތް މި ސަރުކާރުން ކާމިޔާބުކަމާއެކު ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިހެން ވިދާޅުވީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވި މި ބިލަކީ، މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ އިސްތިއުނާފު ކުރެވޭނެ އުސޫލުތައް ހަރުދަނާކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެގޮތުން އިސްތިއުނާފު ކުރެވޭނީ އިސްތިއުނާފުކުރާ އަދަދުގެ 50 އިންސައްތަ މީރާއަށް ދައްކައި ޚަލާސްކުރުމަށްފަހު ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ބަހުސްގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ސަރުކާރުން ކުރާ ކަންކަމާ މެދު ސުވާލު އުފައްދަވައި، އަސާސީ ބޭސްފަރުވާގެ ދަތިތައް ހުރި ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ފައިސާ ލިބުމުން އެކި ބޭފުޅުން ކުރައްވާނީ އެކި ކަންކަން ކަމަށެވެ. އަދި ބައެއް ބޭފުޅުން ކުރެއްވި ކަމަކީ އަމިއްލަ ޖީބު ބޮޑުކޮށް އަމިއްލަ ކުންފުނިތައް މުއްސަނދިކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއާ ޚިލާފަށް މި ސަރުކާރުން ކުރަމުންދާ ކަމަކީ، އަމިއްލަ މުއްސަނދިކަން ހޯދި ބޭފުޅުން ބަނގުރޫޓުކޮށްލި ގައުމު އަލުން ސަލާމަތްކޮށް، ވެއްޓިފައިވާ އިގުތިސާދު އަލުން ކޮޅަށް ޖެހުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ހެޔޮގޮތުގައި ބޭނުންކޮށްގެން ސަރުކާރުން ކުރި މަސައްކަތުން މިއަދު ސަލާމަތުން އޮތް ގައުމެއް ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުންނާއި ގައުމަށްޓަކައި މި ސަރުކާރުން ވެދެމުންދާ މުހިންމު ޚިދުމަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް