
މި ޚިދުމަތް ފެށުމާ ގުޅިގެން، ވިޔަފާރިވެރިން މުދާ ކްލިއަރކުރުމުގެ އެންމެހައި އިންތިޒާމުތައް ކުރިއާލައި ރޭވުމަށް އެމްޕީއެލުން ވަނީ އިލްތިމާސްކޮށްފައެވެ.
ތިލަފުށީ ކާގޯ ޓާމިނަލުން މުދާ ކްލިއަރކޮށްދިނުމުގެ ޚިދުމަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކަސްޓަމްސް އިންސްޕެކްޝަންގެ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.
މި ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތުރުފަތުރުގެ ފަސޭހަކަން ހަމަޖައްސައިދިނުމަށް މާލެއާއި ތިލަފުއްޓާ ދެމެދު ފެރީ ދަތުރުތައް ވަނީ ތާވަލުކޮށްފައެވެ. އެގޮތުން މާލޭ ނޯތު ހާބަރު ޖެޓީން ތިލަފުއްޓަށް ހެނދުނު 8:00، މެންދުރު 1:00 އަދި ހަވީރު 4:15 ގައި ފެރީ ފުރާއިރު، ތިލަފުށީ ޕޯޓް ފެރީ ޖެޓީން މާލެއަށް ފުރާނީ ހެނދުނު 11:00، މެންދުރުފަހު 3:00 އަދި ހަވީރު 5:00 ގައެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޙުސެއިން ޝަފީޤު ކުރިން ވިދާޅުވެފައިވަނީ، ތިލަފުށީގައި ތަރައްޤީކުރާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމާއި ބޯޓުތަކަށް މުދާ ލޯޑުކުރުމުގެ ޚިދުމަތްވެސް ތިލަފުށިން ލިބެން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެއަށާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި އެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެމްޕީއެލުން ހާމަކުރެއެވެ. އަދި އަންނަ އޮކްޓޫބަރު މަހުން ފެށިގެން މާލެއާއި ތިލަފުށީގެ ދެ ބަނދަރުގައިވެސް އެއްވަރަކަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވިއެވެ.
މި ބަދަލަކީ މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ ޚިދުމަތް ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެމްޕީއެލްގެ އިސްވެރިން ވަނީ އިމްޕޯޓް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ބައްދަލުކުރައްވައި ހިއްސާކުރައްވާފައެވެ.





