0 comments 81 views
ސިފައިންނާއި ފުލުހުންގެ ބޯހިޔާވަހިކަމަށް ރައީސް މުޢިއްޒު ބަނޑޭރިކޮށި ތަރައްޤީކުރުމުގެ މަޝްރޫޢު ފައްޓަވައިފި
28 އޮކްޓޯބަރ 2026 (ބުދަ)   04:25
ޚިދުމަތުގައި ތިބޭ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށްޓަކައި ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ފަށައިފިއެވެ.

ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢު ނިމިގެންދާއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޤައުމީ ޚިދުމަތުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

އާއިލާއާ ދުރުގައި ރެއާއި ދުވާލު ޤައުމީ ޚިދުމަތުގައި ދެމިތިބޭ ސިފައިންނާއި ފުލުހުންގެ ވެލްފެއާގެ ކަންކަމާއި އިނާޔަތްތައް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

މި އަހަރު ފާހަގަކުރި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސެއްގެ އަސާސީ ޙައްޤެއް ކަމަށް ވިދާޅުވެ، ބަނޑޭރިކޮށި ހިމެނޭ ސަރަޙައްދުގައި ސިފައިންނަށް ޚާއްޞަ ހައުސިންގ މަޝްރޫޢެއް ހިންގަވާނެކަން އިޢުލާން ކުރައްވާފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު އެތަނުގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެދާނެ ދަތިތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމުގެ ތައްޔާރީތައް ދިފާޢީ ވުޒާރާއާއި އެމްއެންޑީއެފް ގުޅިގެން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

ބަނޑޭރިކޮށި 1 ގެ އެޕާޓްމަންޓްތައް ހުސްކުރުމުގެ ކުރިން، އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް މަޝްރޫޢުގެ މަޢުލޫމާތު ޙިއްޞާކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ޙައްލު ހޯދައިދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢު ރޭވިފައިވަނީ ބަނޑޭރިކޮށި 1 ގެ ޢިމާރާތް ނިމުމުން، މިހާރު އެތަނުގައި ދިރިއުޅޭ ފަރާތްތައް އަލަށް ހަދާ އެޕާޓްމަންޓްތަކަށް ބަދަލުކުރުމަށްފަހު ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ.

ދިފާޢީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު، ވަޞީލަތްތައް ފުރިހަމަވެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ފެންވަރަށް ދިވެހި އަސްކަރިއްޔާގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް