0 comments 21 views
ބީއެމްއެލް އަށް ދެ ބިލިއަންގެ ފައިދާ، ހިއްސާއަކަށް 50 ރުފިޔާ ބަހަން ހުށަހަޅަނީ
4 އޭޕްރީލް 2024 (ބުރާސްފަތި)   17:11
ބީއެމްއެލްގެ ސާފު ފައިދާއަށް ދެ ބިލިއަން ރުފިޔާ ލިބި، ހިއްސާގެ ފައިދާ އަށް މިހާތަނަށް ދޭ އެންމެ ބޮޑު އަދަދު އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 50 ރުފިޔާ ބަހަން ނިންމައިފަ އެވެ. މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10 ރުފިޔާ އިތުރު އަދަދެކެވެ. ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ކުންފުންޏަށް ދެ ބިލިއަނުން މަތީގެ އަދަދެއްގެ ފައިދާ ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި ރެކޯޑު ނަތީޖާއަށް މިދިޔަ އަހަރު ހޯދިފައިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ޖުމްލަ 215 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ.

"ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާ އެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ،" ކާލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލްގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުުނު އިރު މީގެ ކުރިން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާ އެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ 325 އަށް އެރި އެވެ. ކުންފުނީގެ ފައިދާ 70 ޕަސެންޓަށް ދަށްވި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު އެ ކުންފުނިން ވަނީ ކޮވިޑްގެ ކުރީގެ ހާލަތަށް ވުރެ ވެސް ބޭންކްގެ މާލީ ހާލަތު ރަނގަޅުކޮށްފަ އެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް