
މި މަގާމަށް ޝަފްނީޒް އައްޔަންކުރައްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުން އޭނާ އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމާ ގުޅިގެންނެވެ.
ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރެއިން، ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ޝަފްނީޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ.
އަހުމަދު ޝަފްނީޒަކީ މީރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އެގޮތުން، މި އައު މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަފްނީޒް ހުންނެވީ މީރާގެ އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ އެ އޮތޯރިޓީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.





