0 comments 147 views
މީޑިއާތަކަށް ލުއިފަސޭހަކޮށްދިނުމަށް ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ އަދާހަމަކުރުމުގެ މުއްދަތު ކޮމިޝަނުން އިތުރުކޮށްދީފި
28 އޮކްޓޯބަރ 2026 (ބުދަ)   04:26
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށް ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމަށް ދީފައިވާ މުއްދަތު އިތުރު ތިން މަސްދުވަހަށް އިތުރުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.

މީޑިއާ ކޮމިޝަނުން ނެރުނު ރަސްމީ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި ނޫސްމަޖައްލާތަކުގެ ރެކޯޑުތައް އަދާހަމަކުރުމަށް ކުރިން ދީފައިވަނީ ހަ މަސްދުވަހުގެ މުއްދަތެކެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރެކޯޑުތައް އަދާހަމަކުރުމުގައި ދަތިތަކެއް ހުރެދާނެކަމަށް ބަލައި، ނޫސްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މުއްދަތު އިތުރުކުރަން ނިންމީ ކަމަށް ކޮމިޝަނުން ހާމަކުރެއެވެ.

މި ނިންމުމާއެކު ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކަށް މިހާރު ހަމަޖައްސާފައިވަނީ އަންނަ ޖަނަވަރީ މަހުގެ 28 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 އެވެ.

މުއްދަތު އިތުރުކޮށްދިނުމަކީ ގަވާއިދުގައިވާ ޝަރުތުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކޮށް ރެކޯޑުތައް އަދާހަމަކުރުމަށް މީޑިއާތަކަށް ލިބިގެންދިޔަ ބޮޑު ލުޔަކާއި ފަސޭހައެއް ކަމަށް ކޮމިޝަނުން ފާހަގަކުރެއެވެ.

އެ ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރަޖިސްޓަރީވުމަށް އެދި ޖުމްލަ 162 ފޯމު ވަނީ ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ރަޖިސްޓަރީ އާކުރުމަށް ހުށަހެޅި 94 ފޯމާއި، އަލަށް ރަޖިސްޓަރީވުމަށް ހުށަހެޅި 68 ފޯމު ހިމެނޭ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

މީޑިއާ ކޮމިޝަނުން ކުރިން ބަޔާންކޮށްފައިވާ ގޮތުގައި، ކަނޑައެޅިފައިވާ މުއްދަތު ހަމަވާއިރު ރަޖިސްޓަރީ ނުކުރާ ނޫސްމަޖައްލާތަކުގެ ހުއްދަ ބާތިލުވާނެއެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް