0 comments 135 views
ދިވެހި މަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމަށް މިފްކޯއިން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
28 އޮކްޓޯބަރ 2026 (ބުދަ)   10:53
ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ބޮޑު ބާޒާރަށް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ރާއްޖޭގައި ކުރިއަށްދިޔަ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު އަނަސް ސޮއިކުރެއްވިއިރު، ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯއެވެ.

މި އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ޗައިނާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، އެ ގައުމަށް ރާއްޖޭގެ މަސް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ދެ ކުންފުނި ގުޅިގެން އެކުލަވާލުމެވެ.

ދެ ފަރާތް ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި އުފެއްދުންތެރިކަމުގެ ފެންވަރު ކަށަވަރުކުރުމާއި، މަސް ބަންދުކުރުމާއި، ލޮޖިސްޓިކްސްގެ އިތުރުން ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓުކުރުމުގައި ފުރިހަމަވާންޖެހޭ ގާނޫނީ މިންގަނޑުތައް ހަމަޖެއްސުން ހިމެނެއެވެ.

މި އިންތިޒާމުގެ ދަށުން ރާއްޖެއިން މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯ ހަރަކާތްތެރިވާއިރު، ސައިނޯމެކް ހައިނާންގެ މައިގަނޑު ޒިންމާއަކީ ޗައިނާގެ މާކެޓުން މިފްކޯއަށް ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ.

މިފްކޯއިން މައުލޫމާތުދޭ ގޮތުގައި، ފުރަތަމަ މަރުހަލާގެ ދިރާސާތަކާއި ވިޔަފާރީގެ އެކި އިންތިޒާމުތަކަށް ބެލުމަށްފަހު، ކުރިއަށް އޮތް އަހަރުން ފެށިގެން އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން އިތުރަށް މަޝްވަރާކުރާނެއެވެ.

މި އެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ އައު ބާޒާރުތައް ހޯދައިދިނުމަށާއި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށް މިފްކޯއިން ބުނެއެވެ.

ދިވެހިރާއްޖެއިން މިހާރު މަސް އެކްސްޕޯޓުކުރަމުން ދަނީ މައިގަނޑު ގޮތެއްގައި ޔޫރަޕާއި ތައިލެންޑުގެ އިތުރުން މޮރިޝަސްގެ ބާޒާރުތަކަށެވެ.

އިތުރު ތަފުސީލު ހޯއްދެވުމަށް:
ކޮމެންޓް